ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން ގޯޅި ސްޕޯޓްސް ކުލަބާއި ކަންމަތި އެފްސީ އަދި ރަސްހިންނެ ޑިޓްރޮއިޓްސް މޮޅުވެއްޖެއެވެ.
ރޭ 8:15 ގައި ކުޅުނު މެޗުގައި ބައްދަލުކުރީ ގޯޅި ސްޕޯޓްސް ކުލަބާއި ބިގްޝޮޓްސް އެވެ. މި މެޗު 0-24 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ މެޗެވެ.
މި މެޗުގައި ގޯޅި ސްޕޯޓްސް އަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ޙަލީމް، އަބްދުﷲ ޖުނައިދު، ޙުސެއިން ޝަރީފް، އަބްދުﷲ ޝާފިއު، ޝާމިން އަދި ހައްޔާން އެވެ. އަޙުމަދު ޙަލީމް ވަނީ މި މެޗުގައި 11 ލަނޑު ޖަހައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އަޙުމަދު ޙަލީމްއެވެ.
ރޭގައި ކުޅުނު ދެވަނަ މެޗުގައި ބައްދަކުރީ ކަންމަތި އެފްސީ އާއި ބީޖީ ސްޕޯޓްސް ކުލަބެވެ. މި މެޗު 1-3 އިން ކާމިޔާބު ކުރީ ކަންމަތި އެފްސީންނެވެ. މި މެޗުގައި ކަންމަތި އެފްސީ އަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ވިިލްފް އާއި އަޙުމަދު ރައްޔާންއެވެ. މި މެޗުގައި ބީޖީ ސްޕޯޓްސް ގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙުމަދު އަޔާޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެެރިއަކީ ކަންމަތި އެފްސީގެ މުޙައްމަދު ވިލްފްއެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ އަފޭން އަދި ރަސްހިންނެ ޑިޓްރޮއިޓްސް އެވެ.
މި މެޗު 3-11 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ރަސްހިންނެ ޑިޓްރޮއިޓްސްއިންނެވެ.
މި މެޗުގައި ރަސްހިންނެ އަށް ލަނޑުތައް ޖަހައިދިނީ އަލީ ޝާމް، އަޙުމަދު އިސްމާއީލް، ހަސަން ޝިހުބާން، އިބްރާހީމް ހާއިސް ހުސެއިން އަދި ސާއިފްއެވެ. މި މެޗުގައި އަފޭން އަށް ލަނޑު ޖަހައިދިނީ ހުސެއިން ޝަކީލް އަދި އަބްދުﷲ އަފްސަދްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްހިންނެ ޑިޓްރޮއިޓްސް އަށް ފަސް ލަނޑު ޖަހައިދިން ހަސަން ޝިހުބާންއެވެ.
މި މުބާރާތުގެ ހަތަރު މެޗެއް މިއަދު ވެސް ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ކަންމަތި އެފްސީ އާއި ބެސްޓް ބޯއީސް ބައްދަލުކުރާއިރު، މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ޔޫތް އެކަޑަމީ އެވެ. އަދި މިރޭ 9:15 ގައި ކުޅޭ މެޗުގައި ޔުނައިޓެޑް އައުޓްރީފް އަދި ކަންމަތި އެސްސީ ބައްދަލުކުރާއިރު، މިރޭ ފަހު މެޗުގައި ބައްދަލުކުރާނީ ގޯޅިއަންސް އާއި ރަަސްހިންނެ ފަލްކޮންސްއެވެ. މި މެޗު ފަށާނީ މިރޭ 10:15 ގައެވެ.
މި ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.
މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް