ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކޯލިޝަން ޕާޓްނަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
ރައީސަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ގޮސްތިބި އިރު އެއީ ޖޭޕީގެ މެމްބަރުންކަން އެނގެ އެވެ. އާންމުން ތިބީ ޖޭޕީ ދިދަ ހިފައިންގެންނާއި ރަތް ކުލައިގެ ހެދުން ލައިގެންނެވެ.
ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރައީސްގެ މިދަތުރުފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި މިދަތުރުފުޅުގައި ރައީސް ސޯލިހު ދެވަނަ ދައުރެއްގައި އިންތިހާބުގައި ވާދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
އެކަމަކު އިއްޔެ ޖޭޕީން ބުނެފައިވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށާއި އެކަމަކު ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.
ރައީސް ސޯލިހު މިދިޔަ ހަފްތާގާއި ވިދާޅުވީ ދެވަނަ ދައުރެއްގައި ވާދަ ކުރައްވާނެ ކަމަށެވެ. އެކަމަކު އެމްޑީޕީ އެކަނި ނުކުމެގެން އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި ރާއްޖޭގައި އިންތިހާބެއް ކާމިޔާބު ވާނީ ކޯލިޝަން ހަދައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް