އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑުތަކެއް އުރީދޫން ހާސިލުކޮށްފި

މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއިން ހާޞިލް ކޮށްފިއެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގަ...

10 Jun 2022 | 05:57

މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއިން ހާޞިލް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ޙިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ޙިދުމަތައްވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑެއް ހާޞިލްކޮށްފައި ކަމަށެވެ.

2022 އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް:

ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ

މޯލްޑިވްސް އިން ފޯރުކޮށްދިން ޙީދުމަތްތައް)

ސިލްވަރ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ޙިދުމަތްތައް)

ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ޙިދުމަތްތައް)

"ޑިޖިޓަލް ޚިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އަޅުގަނޑުމެންގެ އިސްނެގުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް.

ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ވަރަށް އިޚްލާޞްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން.

އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން.

ކުރިއަށް އޮތް ތަނުގައިވެސް ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން."

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ޕެންޑެމިކާއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް، އުރީދޫ މޯލްޑިވްސް އިން ވަނީ ކަސްޓަމަރުންގެ ބަދަލުވެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑޭތި އިންވެސްޓްތަކެއްކޮށްފައެވެ.

އެގޮތުން ޓައަރ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް ފަށާފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އިން ވަނީ އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށްފައެވެ. އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ފަދަ އީޖާދީ ޕްރޮޑަކްޓްތައް ތަޢާރަފްކުރުމާއި، ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ވެގެންދިޔައީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެ ކުންފުނީގެ ކުރިއެރުމަށް ލިބުނު ހިތްވަރަކަށެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް އުރީދޫ އަމާޒާ އެއްގޮތަށް، ޑިޖިޓަލް ޙިދުމަތްތަކުން ހުޅުވިގެންދާ ފުރުސަތުތައް މުޖުތަމައުއަށާއި ވިޔަފާރިތަކަށް ހުޅުވާލުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ކުދި ވިޔަފާރި އާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީ އިން މުހިންމު ދައުރެއް އަދާކުރާއިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ.

ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް