އަޅުގަނޑު އެ ހަދަނީ ކަތިލާ ކަންބަޅިއަކަށް: މަހްލޫފް

އެމްއެމްޕީއާރުސީ މައްސަލައިގާ ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ހުށަހެޅުމާއެކު މަގާމުގެ މަސްއޫލއްޔަތުން އެކަހެރިކުރައްވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާގެ ދިފާއުގައި ވާހަކަފުޅު ދ...

10 Jun 2021 | 13:20

އެމްއެމްޕީއާރުސީ މައްސަލައިގާ ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ހުށަހެޅުމާއެކު މަގާމުގެ މަސްއޫލއްޔަތުން އެކަހެރިކުރައްވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

މަހްލޫފް ވިދާޅުވެފައިވަނީ ފެށުނީއްސުރެވެސް MMPRC  މައްސަލައިގަ  އޭނާއާމެދު އަމަލު  ކުރަމުން  އަންނަނީ  ޒާތީކޮށް،  ސިޔާސީގޮތުން ކަތިލާ  ކަންބަޅިއެއް  ގޮތަށް ކަމަށާއި އެކަން  ކުރަނީ  ސިޔާސީ  ބަޔަކު  އަޑީގަތިބެގެންކަން  އެންމެ  އިސްވެރިންނަށް  އެނގިވަޑައިގަންނަވާނެ ކަމަށެވެ.  ބޭނުމަކީ  ހަމައެކަނި  މަގާމުން  ވަކިކުރުން ކަމަށެވެ.

" ޤާނޫނާއި ގަވައިދުގެ  ތެރެއިން  އަދި ކޮމިޝަން،  ޕޮލިސް،  ޕީޖީ  އަދި  އޭސީސީ  އިން  އަމިއްލައަށް  ހަދައިގެން  ތިބި  އުސޫލުތަކާ  ވެސް އެއްގޮތަށް  އަޅުގަނޑާމެދު ތަފާތުނުކޮށް  މައްސަލަ ގެންދާނަމަ  ކުރިން  ދެންނެވިހެން  އެއްމެދުވަހަކުވެސް  މިމަގާމުގަ  ދެމިނުހުންނާނަން." މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ކަންބަޅިއެއްހެން  ހަމައެކަނި  މަހްލޫފް  ކަތިލިޔަސް  އެހިސާބުން MMPRC  ގެ  މައްސަލަ  ނިމުނީކަމަށް  ރައްޔިތުން  ދެކޭނެކަމަށް  ހީކުރުމަކީ  ގޯހެއް ކަމަށެވެ.

"ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަ ބަންދުކޮށްގެން  ނުހުރެވޭނެ." މަހްލޫފް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގާ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ ިއިއްޔެގެ ވަގުތެއްގައެވެ. މިއަދު ޕީޖީން ބުނެފައިވަނީ އެކަމުގައި އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް