"ޖަނަވާރުގެ ސިއްހަތާއި ބެހޭ" ބިލެއް ހުށަހަޅައިފި

"ޖަނަވާރުގެ ސިއްހަތާއި ބެހޭ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާޓުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމ...

10 Jun 2021 | 11:29

"ޖަނަވާރުގެ ސިއްހަތާއި ބެހޭ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާޓުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ. މި ބިލުގައި ބުނެފައިވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލުމަކީ މަނާ ކަމެއް ކަމަށެވެ.

އެގޮތުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ބަލަހައްޓާ ފަރާތުން އެ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ޒިންމާ އުފުލައި، ރަނގަޅަށް ގެންގުޅެން ޖެހޭނެ އެވެ. އަދި ޖަނަވާރު ގެންގުޅެން ޖެހެނީ މަގުމައްޗަށާއި އާންމު ތަންތަނުގެ ސާފުތާހިރުކަން ނުގެއްލޭ ގޮތަށެވެ.

މި ބިލުގައި ވަނީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ޓްރާންސިޓްކުރުމާއި އެތަކެތި ގަނެވިއްކުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ކަނޑައަޅަން ޖެހެ އެވެ. އެއާ ހިލާފަށް ރާއްޖެއަށް ޖަނަވާރުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމަކީ ވެސް މަނާ ކަމެކެވެ.

މީގެ އިތުރުން ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތައް އެތެރެ ކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަންދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ބިލުގައި ވާގޮތުން ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކެއް ވެސް ބިލުގައިވެ އެވެ.

https://twitter.com/dhuvasmv/status/1402106798551744512

އެ ބިލުގައި މިނިސްޓްރީގެ އިތުރުން ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާ އާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވެ އެވެ.

އަދި މި ގާނޫނު ވުޖޫދަށް އައުމާ އެކު، ގާނޫނާ ހިލާފުވާ ފަރާތްތަކަށް 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާ އާއި އާދެމެދުގެ އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.

މިފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދަކީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް