އައްމަޓީގެ ވަކީލު ހާޒިރު ނުވުމުން މިއަދު ޝަރީއަތް ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ އަޑުއެހުން ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެ އެވެ. އައ...

10 Jun 2021 | 08:53

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ އަޑުއެހުން ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެ އެވެ.

އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް އޭނާ އާއި ދެކޮޅަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ މައްސަލައިގަ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމަށް އައްމަޓީ ހާޒިރުވި ނަމަވެސް އޭނާގެ ވަކީލް ހާޒިރުވެފައެއް ނުވެ އެވެ. އެކަމާއި ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން އަންމަޓީ ބުނެފައިވަނީ ވަކީލެއް ހަމަޖައްސާފައިވާ ކަމަށާއި އެކަމަކު މިއަދުގެ އަޑުއެހުމުގެ ތަފްސީލު ލިބިފައި ނުވާތީ ވަކީލު ހަމަޖެއްސިފައި ނުވާ ކަމަށެވެ.

ޝަރީއަތުގައި ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އައްމަޓީ އެދުނު ނަމަވެސް ގާޒީ ދީފައިވަނީ ފަސް ދުވަހެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރު ކުރީ ލަންކާގައި އުޅެނިކޮށް އެ ގައުމުގެ ފުލުހުންނެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ.

މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.

މި މައްސަލައިގަ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި އިތުރު ފަސް ދައުވާ އެއް އުފުލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް އައްމަޓީއަށް ކަނޑައެޅޭނެކަމަށް ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް