ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އދ. ގައި ހުންނަވާ އިންޑިއާ މަންދޫބެއް

އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ...

10 Jun 2021 | 05:53

އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.

ނަގަރާޖް އެމަގާމަށް އައްޔަން ކުރެއްވިކަން ފޮރިން މިނިސްޓްރީން އާއި ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ޔަގީން ކޮށްދެއްވާފަ އެވެ. ނަގަރާޖުގެ އިތުރުން ޝާހިދުގެ އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް (ސްޕެޝަލް އެންވޯއީ) ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ވަނީ ހަމަޖައްސަވާފައި އެވެ.

އދ. ގެ ރައީސް އައްޔަން ކުރާ މަގާމުތަކުގައި އދ. ގެ މެމްބަރު ގިނަ ގައުމުތަކުގެ ޑިޕްލޮމެޓުން ތިއްބަވަ އެވެ. އެގޮތުން 34 މަގާމަކަށް ބޭފުޅުން އައްޔަން ކުރަން ޖެހެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައިސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަކީ ބައިނަް އަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެ ގޮނޑި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ 143 ގައުމުގެ ވޯޓާއި އެކު އެވެ.

މަގާމަށް އިންތިހާބުވެވަޑައިގެންނެވުމުން އދ. ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އޭނާގެ ޓީމަކީ ހަމަހަމަކަން ގާއިމްކުރަން ހުރިހާ ސަރަހައްދެއް ތަމްސީލުކުރެވޭ ޓީމަކަށް ހަދާނެ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހަދާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.

ރާއްޖެ އަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެ ގޮނޑީ ކާމިޔާބު ކުރި ހަވަނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް