މިއަދު ބާއްވަން ހަމަޖައްސާފައި އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާގޮތަށް އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ދީފައިވާ މުއްދަތު އިއްޔެ ވަނީ ހަމަވެފައި އެވެ. އެހެންވެ އެ މައްސަލައިގެ އަޑުއެހުމެއް މިއަދަށް އޮތީ ތާވަލު ކޮށްފައި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަން އަހުމަދު ޝަފީއު ވިދާޅުވީ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދަން އެދިވަޑައިގެންނެވުމުގެ އިތުރުން ސިއްހީ ހާލަތު ބަޔާން ކުރާ ލިޔެކިޔުންތައް އަލީ ވަހީދުގެ ފަރާތުން ކޯޓަށް ފޮނުވާފައިވާތީ މިއަދުގެ ޝަރީއަތް ފަސް ކުރީ ކަމަށް ކްރިމިނަލްް ކޯޓުން އެ އޮފީހަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެ ލިޔުންތައް އަދި ދައުލަތާއި ހިއްސާ ނުކުރައްވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން އިއްޔެ މީޑިއާގައި ބުނީ ރާއްޖެއިން ބޭރުގައި އޭނާ ހުންނަވަނިކޮށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ ކަމަށް އެ އޮފީހުން ގަބޫލު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އަލީ މިވަގުތު ހުރީ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ކަމުން ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ގާނޫނު ތަން ނުދޭ ކަމަށެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް