ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް ޢަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް (ސްޕެޝަލް އެންވޯއީ) ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފިއެވެ.
އަދި އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަޤާމަށް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވާފައެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ އދގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި، އިންތިޚާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
ޝާހިދު މަގާމަށް އިންތިހާބުވެ ވަޑައިގެންނެވީ 143 ގައުމުގެ ތާއީދާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް