އައްޑޫ ސިޓީގައި މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 74 މީހުންނަށް

އައްޑޫ ސިޓީން ކޯވިޑް-19 އަށް ޕޮސިޓިވްްވި ގިނަ މީހުން ރަނގަޅުވެ އެ ސިޓީގެ ރަށްތަކަށް އާންމު ހާލަތަކަށް އަންނަން ފަށައިފި އެވެ. އައްޑޫ އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން އާންމު ކުރި އެންމެ ފަހުގެ މައުލޫމ...

10 Jun 2021 | 05:02

އައްޑޫ ސިޓީން ކޯވިޑް-19 އަށް ޕޮސިޓިވްްވި ގިނަ މީހުން ރަނގަޅުވެ އެ ސިޓީގެ ރަށްތަކަށް އާންމު ހާލަތަކަށް އަންނަން ފަށައިފި އެވެ.

އައްޑޫ އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި އެ ސިޓީގެ އެއްވެސް ރަށަކުން އިއްޔެ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. އަދި އިއްޔެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން ހަތަރު މީހުން ރަނގަޅުވެފައިވެ އެވެ.

މިހާތަނަށް ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައި އެވެ. ހިތަދޫގައި 60 ކޭސް ހުރި އިރު ހުޅުދޫގައި ހަތެއް އަދި މަރަދޫގައި ހަތަރު އެކްޓިވް ކޭސް އެބަހުއްޓެވެ. ދެން ޕޮސިޓިވްވި މީހުން ތިބި ރަށްތަކުގެ ތެރޭގައި ފޭދޫ އާއި މީދޫ އަދި މަރަދޫފޭދޫގައި ތިބީ ކޮންމެ ރަށެއްގައި އެކަކެވެ.

މިފަހަރު މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން އެ ސިޓީން 318 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ދެ މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

އައްޑޫ ސިޓީގެ ހާލާތު ރަނގަޅުވާން ފެށުމާއި އެކު ސިޓީ ކައުންސިލުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަން ނިންމާފައި އެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް