ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ގެޒެޓުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމުކޮށްފައިވާ ލިސްޓަކީ ނެޝަނަލް ރެޖިސްޓްރޭޝަނުން ހޯދާފައިވާ ޑާޓާ ބޭސްގެ...

10 Jun 2018 | 18:59

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ގެޒެޓުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމުކޮށްފައިވާ ލިސްޓަކީ ނެޝަނަލް ރެޖިސްޓްރޭޝަނުން ހޯދާފައިވާ ޑާޓާ ބޭސްގެ މައްޗަށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އީސީން ވަނީ ހުޅުވާލާފައި އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު މާދަމާ ރަށްރަށުގެ ކައުންސިލްތަކުގައި ވެސް އާއްމުކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިއަހަރުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 263،000 މީހުންގެ ނަން ހިމެނޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ލިސްޓުގައި ކުދި ކުދި މައްސަލަ ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދުރާލާ ލިސްޓު އާންމު ކުރުމުގެ ބޭނުމަކީ މައްސަލައެއް އުޅޭނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މިރޭ އާންމު ކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ. މީގެ އިތުރުން ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

ކޮންމެ އިންތިހާބެއްގައިވެސް މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިފައި ހުރުމަކީ އާންމު ކަމެކެވެ. އީސީން ބުނީ މިފަހަރުގެ ލިސްޓުގައިވެސް އެ މައްސަލަ ދިމާވެފައި ހުރެދާނެ ކަމަށާއި އެއީ ރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މައުލޫމާތު ޑީއެންއާރަށް ނުލިބޭތީ ކަމަށެވެ.

މިއަހަރު ރިޔާސީ އިންތިހާބު ބޭއްވުމާށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް