ގްރީޒްމަން، އޭނާގެ ކުރިމަގާމެދު މި ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ

ފްރާންސާއި އެތުލެޓިކޯ މެޑްރިޑްގެ ތަރި އެންޓޮއިން ގްރީޒްމަން، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމައި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ނިންމުމެއް ހާމަކުރާނެކަމަށް ބުނެފިއެވެ. އެތުލެޓިކޯ މެޑްރިޑާއ...

10 Jun 2018 | 10:49

ފްރާންސާއި އެތުލެޓިކޯ މެޑްރިޑްގެ ތަރި އެންޓޮއިން ގްރީޒްމަން، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމައި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ނިންމުމެއް ހާމަކުރާނެކަމަށް ބުނެފިއެވެ.

އެތުލެޓިކޯ މެޑްރިޑާއެކު އަނެއްކާ ވެސް މޮޅު ކުޅުމެއް ދެއްކި ސީޒަނަކަށް ފަހު، ގްރީޒްމަން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ބަދަލުވާން އުޅޭކަމަށް ވަނީ ވަރަށް ބޮޑަށް އަޑު ފެތުރިފައެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ކުރިމަގާމެދު ގޮތެއް ނިންމާނެކަމަށް ބެލެވިފައިވަނިކޮށް، ގްރީޒްމަން މި ވަނީ އެކަން އެގޮތަށް ކުރާނެކަން މިދިޔަ ހޮނިހިރު ދުވަހު ޔަގީން ކޮށްދީފައެވެ.

"ކަލޭމެން މިކަމަށް ޝައުޤުވެރިކަމެއް ބަހައްޓާކަން އެއީ ރަނގަޅެއް. އަދި އެބައޮތް ހަފުތާއެއް. އަހަރެންނަށް ހީވަނީ މި ހަފުތާގެ ތެރޭގައި އެނގޭނެހެން" އެމެރިކާގެ ގައުމީ ޓީމާއެކު ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ގްރީޒްމަން ބުންޏެވެ.

2014 ވަނަ އަހަރު އެންޓޮއިން ގްރީޒްމަން އެތުލެޓިކޯ މެޑްރިޑާ ގުޅުނުއިރު، އެންމެ ފަހުން ވެވިފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުގައެވެ. އެހެނަސް، ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން އަންނަނީ ގްރީޒްމަންގެ ކޮންޓްރެކްޓް އުވާލެވޭ އަގު ދެއްކުމަށް ތައްޔާރުވަމުންނެވެ.

ހޮނިހިރު ދުވަހު ނޫސްތަކުގައި އާންމުކުރި ރިޕޯޓްތައް ބުނާގޮތުން، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވަނީ ގައުމީ ޓީމުގައި ހިމެނޭ ގްރީޒްމަން އާއި މޮނާކޯގެ މެދުތެރެއަށް ކުޅޭ ތޯމަސް ލެމާ އަށް ކުރިމަގާމެދު މި ހަފުތާގެ ތެރޭގައި ގޮތެއް ނިންމައި އާންމު ކުރުމަށް އަންގާފައެވެ. ބެލެވޭ ގޮތުގައި މިއީ، ޓްރާންސްފާގެ ވާހަކަތަކާ ހެދި ވޯލްޑް ކަޕްގައި އެ ކުޅުންތެރިންގެ ސަމާލުކަން ގެއްލި ކުޅުމަށް އަސަރު ކޮށްދާނެތީ އެންގި އެންގުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް