ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޤާނޫނީ ވަކީލާއި ބައްދަލު ނުކުރެވޭތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ ބައްދަލު ކުރެވިއްޖެ އެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު ވަނީ ދޫނިދޫއަށް ވަޑައިގެން އަދީބާ ބައްދަލުކޮށްފައެވެ. އަދި އެކަން އޭނާ ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ.
އަދީބުގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަދީބަށް ގާނޫނީ ވަކީލަކާއި ބައްދަލުކޮށް ނުދެނީ ފުލުހުން ގަސްދުގައި އަދީބާއި މެދު ތަފާތުކުރުން ގެންގުޅޭތީ އެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީޢަތް ވެސް ވަނީ ކެންސަލް ކޮށްފައިވަނީ އޭނާއަށް ވަކީލާއި ބައްދަލު ނުކުރެވޭތީއެވެ.
އަދީބުގެ ސަލާމަތީ ކަންތައްތައް ކަރެކްޝަނަލް ސާވިސް އަށް އެންމެ ފުރިހަމައަށް ނުބެލެހެއްޓޭތީ ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ނަމަވެސް އަދީބު ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ.
33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް