މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުމަށް ރަޝިޔާ ތައްޔާރުވެފައިވާއިރު، ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތާ ގުޅުންހުރި ކޮންމެ ކަމަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.
ޚާއްސަކޮށް، ކޮންމެ 4 އަހަރުން އެއް ފަހަރު އޮންނަ ވޯލްޑް ކަޕް ހުޅުވުމަށް ބާއްވާ ކުލަ ގަދަ ރަސްމިއްޔާތަކީ އަބަދު ވެސް ގިނަ ބަޔަކު ބަލާލަން ޝައުޤުވެރިވާ އިވެންޓެކެވެ. މުބާރާތް އޮންނަ ގައުމުގެ ސަޤާފަތާއި އާދަކާދަތައް ދައްކުވައިދޭގޮތަށް އަދި އެ ގައުމާއި، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގެ ބައެއް މަޝްހޫރު ފަންނާނުންގެ ހުނަރު ވެސް ދައްކުވައިދޭ، ބަޑިބޭހާއި، ޝައުޤުވެރިވާފަދަ ކުލަތަކުން ޒީނަތްތެރިވެގެންދާ މި ރަސްމިއްޔާތަކީ އަބަދު ވެސް ލޯތަކަށް ޖާދޫއެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތު ވެސް ކުލަގަދަކޮށް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މި ބަލައިލަނީ، މި ރަސްމިއްޔާތު އޮންނާނެ ތަނާ، ގަޑި އާއި ފެނިގެންދާނެ ބައެއް ހުށަހެޅުންތައްފަދަ މުހިންމު މަޢުލޫމާތުތަކަށެވެ.
ހުޅުވުމުގެ ރަސްމިއްޔާތު (އޯޕަނިންގ ސެރެމޮނީ) އޮންނާނީ ކޮން ވަގުތަކު؟
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ފެށޭނީ ޖޫން 14 ވަނަ ދުވަހު، މުބާރާތް ހުޅުވާ މެޗުގައި ރަޝިޔާ އާއި ސައޫދީ ޢަރަބިޔާ ވާދަކުރާ މެޗުގެ 2 ގަޑިއިރު ކުރިންނެވެ. އެއީ ރަޝިޔާ ގަޑިން 16:00 ޖަހާ އިރެވެ. ރާއްޖޭ ގަޑިން 18:00 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗު ފެށޭނީ އެ ދުވަހު ރާއްޖެ ގަޑިން 20:00 ގައެވެ.
ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ކޮން ތަނަކު؟
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ މުބާރާތް ފަށާ މެޗު ކުޅޭ، މޮސްކޯގައި ހުރި ރަޝިޔާގެ ޤައުމީ ސްޓޭޑިއަމް ކަމަށްވާ ލުޒްނީކީ ސްޓޭޑިއަމްގައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ވެސް ކުޅޭނެ ސްޓޭޑިއަމްއެވެ. 80000 (އަށްޑިހަ ހާސް) މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް އަކީ މުޅި ރަޝިޔާގެ ވެސް އެންމެ ބޮޑު ސްޓޭޑިއަމްއެވެ.
ދާދި ފަހުން ބްރެޒިލް އާއި ރަޝިޔާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު ވެސް ކުޅުނީ މި ސްޓޭޑިއަމްގައެވެ. އެ މެޗު ނިމުނީ 3-0 އިން ބްރެޒިލް މޮޅުވެގެންނެވެ.
މީގެ ކުރިން 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ވެސް މި ސްޓޭޑިއަމްގައި ކުޅެފައިވެއެވެ. އަދި މި ސްޓޭޑިއަމް އަކީ ރެޑް ހޮޓް ޗިލީ ޕެޕަރސް، މައިކަލް ޖެކްސަން، މެޑޯނާ އަދި މެޓަލިކާ ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވާ ސްޓޭޑިއަމްއެކެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި މި ފަހަރު ޕާފޯމް ކުރާނީ ކޮންބައެއް؟
ހަމަ ޔަގީނުން ވެސް ހުޅުވުމުގެ ރަސްމިއްޔާތުން ފެނިގެންދާނެ އެންމެ މުހިންމު އެއް ހުށަހެޅުމަކީ މި އަހަރުގެ މުބާރާތުގެ ރަސްމީ ތީމް ލަވަ "ލިވް އިޓް އަޕް" އެވެ. މި ލަވަ ސްޓޭޑިއަމްގައި ހުށަހަޅައިދޭނީ ވެސް ލަވަ ކިޔާފައިވާ ފަންނާނުން ކަމަށްވާ ވިލް ސްމިތު އާއި ނިކީ އެވެ. މީގެ އިތުރުން ރަޝިޔާގެ ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގޮތަށް ގިނަ ނެށުންތައް، މިއުޒިކާއި އެކި ކުލަތަކުން ޒީނަތްތެރިކޮށްގެން ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް