މެސީއަކީ އާޖެންޓީނާގެ ފަންސާސް ޕަސެންޓް ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޕެޓްރިކް ކްލައިވާރޓް ބުނެފިއެވެ.
މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ކްލައިވާރޓް ބުނެފައިވަނީ މެސީ އަކީ ބާސެލޯނާ އަދި އާޖެންޓީނާއަށް ވެސް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށެވެ. އަދި ގައުމީ ޓީމުގެ ފަންސާސް ޕަސެންޓަކީ މެސީ ކަމުގައި ދެކޭކަމަށެވެ. އާޖެންޓީނާ ހަމައެކަނި ބަރޯސާވަނީ މެސީއަށް ކަމަށް ނުދެކޭކަމަށާއި އެހެންނަމަވެސް ރަނގަޅު ދުވަހެއްގައި ޓީމުގެ ހުރިހާ ދިމާއަކަށް މެސީ ބާރުފޯރުވައިދޭކަމަށްވެސް ކްލައިވާރޓް ވަނީ ބުނެފައެވެ.
މެސީއަކީވެސް އިންސާނެއްކަމަށާއި މެސީއަށް ގޯސްދުވަހެއް އައިސްފިނަމަ އެދުވަހެއްގައި އާޖެންޓީނާގެ ހާލަތު ވަރަށް ގޯސް ވާނެކަމަށް ކްލައިވާރޓް ވަނީ ބުނެފައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މެސީ ނުލައި ކުޅުނު މެޗުތަކުގައި މާ މޮޅު ކުޅުމެއް ނުދެއްކި އާޖެންޓީނާ ބަލިވެފައިވާކަމަށާއި މެސީއާއިއެކު ކުޅުނު މެޗުތަކުން އެޓީމު މޮޅުވެފައިވާކަމަށް ކްލައިވާރޓް ވަނީ ބުނެފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ވޯލްޑް ކަޕް ފެށޭއިރު އާޖެންޓީނާއަށް އަދި އެންމެ ރަނގަޅަށް ވޯލްޑް ކަޕަށް ތައްޔާރު ނުވެވެއެވެ. މުބާރާތުގެ ކުރިން އާޖެންޓީނާއަށް ކުޅެވިފައިވަނީ އެކުވެރި ކަމުގެ އެންމެ މެޗެކެވެ. ހައިޓީއާއިއެކު މިމެޗު ކުޅެފައިވާއިރު އިސްރާއީލްއާއި އެކު ކުޅުނު މެޗު ވަނީ ކެންސަލް ކޮށްފައެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާ އެންމެ ފުރަތަމަ ބައްދަލުކުރާނީ އައިސް ލޭންޑާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް