އަވަށްޓެރި ޝްރީ ލަންކާގެ ދެވަނަ ބައިނަލަގްވާމީ އެއާޕޯޓު މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓިއްޖެއެވެ.
މިދިޔަ ހުކުރުދުވަހުން ފެށިގެން މި އެއާޕޯޓު ހުއްޓުމަކަށް އައިސްފައިވަނީ އެއާޕޯޓަށް ދަތުރުކުރަމުން އައި ހަމައެކަނި އެއާލައިން ކަމުގައިވާ ފްލައި ދުބާއީ އިން އެ އާޕޯޓަށް ކުރަމުން ދިޔަ ހުރިހާ ދަތުރުތަކެއް ހުއްޓާލުމުންނެވެ. ފްލައިދުބާއީން ސަބަބު ހާމަކޮށްފައި ނުވިނަމަވެސް އެހެން ބައެއް އެއާލައިންތަކުން މި އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައިފައިވަނީ މިއެއާޕޯޓަށް ކުރާ ދަތުރުތަކުން ފައިދާއެއް ނުލިބޭތީއެވެ. މީގެ ކުރިން މިއެއާޕޯޓަށް ދަތުރު ކުރި އެއާ އަރާބިޔާއިން ދަތުރުތަށް ހުއްޓާލާފައިވަނީ ދަތުރުތައް ފެށިތާ އެންމެ ދެތިން ހަފްތާ ތެރޭގައި އެވެ. ލަންކާގެ ގައުމީ އެއާލައިން ޝްރީ ލަންކަން އިން ބުނެފައިވަނީ މައްޓަލަ އެއާޕޯޓަށް ދަތުރުތައް ހުއްޓާލުމުން އަހަރަކު 18 މިލިއަން ޑޮލަރު ސަލާމަތްވާކަމަށެވެ.
މައްތަލަ އެއާޕޯޓު އަޅާފައިވަނީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާއި 250 ކިލޯމީޓަރު ދުރުގައި، ކުރިން ޖަންގައްޔެއް އޮތް ސަރަހައްދެއްގައި އެވެ. މި ސަރަހައްދަކީ ދޫނި ހިޖުރަ ކުރާ ހިސާބެއްކަމުން ދޫނި ފްލައިޓާ ޖެހި ވައިގެ ހާދިސާތަކެއްވެސް މީގެ ކުރީގައި ހިނގާފައި ވެ އެވެ. އަދި މި އެއާޕޯޓަށް ވަންނަ ވަލު ޖަނަވާރު ހުއްޓުވުމަށް އެތައް ސަތޭކަ ސިފައިންއެއްވެސް އެ އެއާޕޯޓުގައި ހަރަކާތްތެރިވެއެވެ.
ރާޖަޕަކްސަގެ ވެރިކަމުގައި 2013 ވަނަ އަހަރު ހުޅުވި މި އެއާޕޯޓު އަޅާފައިވަނީ ޗައިނާގެ ލޯނުގެ އެހީގެ ދަށުންނެވެ. މި އެއާޕޯޓު އެޅުމަށް 210 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާއިރު މި އެއާޕޯޓުގައި މަސައްކަތްކުރާ 550 މުވައްޒަފުންނަށް މުސާރަ ދޭވަރަށްވެސް އެއާޕޯޓުގެ ވިޔަފާރި ހިނގާފައެއް ނުވެއެވެ.
މައްޓަލާ އެއާޕޯޓާއި 18 ކިލޯމީޓަރު ދުރުގައި ޗައިނާގެ ލޯނު އެހީގެ ދަށުން ހަދާފައިވާ ހަންބަންޓޯޓާ ކަނޑުގެ ބަނދަރާއި ޗައިނާއިން ވަނީ ހަވާލުވެފައެވެ. މި ބަނދަރު ޗައިނާއާއި ހަވާލުކޮށްފައިވަނީ ބަނދަރުން ފައިދާނުވެ، ބަނދަރު ހަދަން ނެގި ލޯނު ނުދެއްކުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް