ފީފާ ވޯލްޑް ކަޕް ފެށެން އެންމެ 5 ދުވަހަށް ވެފައިވާއިރު މުބާރާތާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ވަނީ އިތުރުވެފައެވެ. ފާއިތުވި މުބާރާތްތަކެކޭ ވެސް އެއްގޮތަށް ގިނަ ބައެއްގެ ލޯތައް ޒުވާން ކުޅުންތެރިންނަށް މި ފަހަރު ވެސް ހުއްޓޭނެކަން ޔަގީނެވެ. އެއީ ފުޓްބޯޅައިގެ ދުނިޔޭގައި މުސްތަގުބަލުގައި ރަސްކަން ކުރާނެ ނަންތައް ކަމަށް ވާތީއެވެ.
މުބާރާތުގައި ވާދަކުރާ 32 ޓީމުގެ ފައިނަލް ސްކޮޑް ވެސް ކަށަވަރު ވެފައިވާއިރު، 736 ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ޒުވާން އެތައް ކުޅުންތެރިންނެއް ތިބޭނެކަން ކަށަވަރެވެ. މި ބަލައިލަނީ 21 އަހަރު ނުވަތަ އެއަށްވުރެ ދަށް އުމުރުގެ ޒުވާން ކުޅުންތެރިންގެ ތެރެއިން މި ވޯލްޑް ކަޕްގައި އެންމެ ވިދާލާނެކަމަށް ބެލެވޭ 10 ކުޅުންތެރިންނަށެވެ.
- ވިލްފްރެޑް އެންޑީޑީ (ނައިޖީރިއާ)، 21 އަހަރު
އެންގޯލޯ ކާންޓޭ ޗެލްސީއަށް ބަދަލުވުމުން، އެތަން ފޫބެއްދުމަށް ލެސްޓާއިން ގެނައި، އެންޑީޑީ ވަނީ އޭނާއަކީ އެ ޒިންމާ އަދާ ކުރެވޭފަދަ، ހުނަރުވެރި މުހިންމު ކުޅުންތެރިއެއްކަން ފާއިތުވި 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ސާބިތު ކޮށްދީފައެވެ.
ނައިޖީރިއާގެ ގައުމީ ޓީމުގައި ވެސް އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ބަލާ އެންޑީޑީ އަކީ އިދިކޮޅު ޓީމުގެ ކުޅުން މެދުތެރެއިން ހުއްޓުވުމުގައި ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިއެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލު އަދާކުރި ނަމަވެސް، އެންޑީޑީގެ ފަރާތުން އެޓޭކިންގ ސްޓައިލް ކުޅުމެއް ވެސް ފެންނަމުން ދިއުމާއެކު، މި ވޯލްޑް ކަޕްގައި އޭނާގެ ފަރާތުން ހީ ނުކުރާފަދަ ލަނޑުތަކެއް ފެނުން ވެސް ގާތެވެ.
- ޔޫރީ ޓޯލިމަންސް (ބެލްޖިއަމް)، 21 އަހަރު
ހުނަރުވެރިކަމުން ފުރިގެންވާ ޓޯލިމަންސް އަކީ ކުރިއަށް އަހަރުތަކުގައި ވެސް ވިދާލާނެ ޒުވާން މިޑްފީލްޑަރެކެވެ. އެންޑަލެޗްގައި ޑިފެންސިވް މިޑްފީލްޑަރެއް ރޯލު އަދާކުރުމަށް ފަހު މިދިޔަ އަހަރު މޮނާކޯއަށް ބަދަލުވެ މިހާރު މެދުތެރެއިން ކަނާތް ފަރާތުން ކުޅެމުން އަންނަ ޓޯލިމަންސް ވަނީ މޮނާކޯއާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާއަކީ ބެލްޖިއަމްގައި ވެސް މުހިންމު ކުޅުންތެރިއަކަށް ވެފައިވާއިރު، ވޯލްޑް ކަޕްގައި ވިދާލާނެ ޒުވާން ތަރިއެއް ކަމަށް ބެލެވެއެވެ.
- އަލްބާޓް ގުޑްމުންޑްސަން (އައިސްލޭންޑް)، 20 އަހަރު
ވޯލްޑް ކަޕަށް މުޅިން އަލަށް ކޮލިފައިވި އައިސްލޭންޑުން ވަނީ ފާއިތުވި ޔޫރޯގައި ވެސް ގިނަ ބަޔަކު ހައިރާން ކޮށްލާފައެވެ. ވޯލްޑް ކަޕްގެ ސަޕްރައިޒިންގ ޓީމަކަށް އައިސްލޭންޑް ވެގެންދާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރާއިރު، ޒުވާން ގުޑްމުންޑްސަން އަކީ އެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
ޕީއެސްވީގެ ލެފްޓް ވިންގަށް ކުޅޭ މި ކުޅުންތެރިޔާއަކީ ލިބޭ ފުރުސަތުގައި ފަސޭހަކަމާއެކު ލަނޑު ޖަހާ ހުނަރުވެރި ފޯވާޑެކެވެ. އައިސްލޭންޑް ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ގުޑްމުންޑްސަންއަށް 21 އަހަރު ފުރޭނެއެވެ.
- ގޮންކާލޯ ގުއެޑެސް (ޕޯޗުގަލް)، 21 އަހަރު
ގުއެޑެސްއަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ނުރައްކާފަދަ ޕާސްތައް ކުރިއަށް ލާ، ޒުވާން ކުޅުންތެރިއެކެވެ. ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ސްޓައިލްގެ މި ކުޅުންތެރިޔާއަކީ އަރިމަތިން ގިނަ ޓީމުތަކަށް ނުރައްކާ ކުރެވޭފަދަ ކުޅުންތެރިއެވެ.
ޕީއެސްޖީ އިން ލޯނަށް ވެލެންސިއާއަށް ދޫކޮށްފައިވާ ގުއެޑެސް، ވެލެންސިއާ އާއެކު މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި ވޯލްޑް ކަޕަކީ ބޮޑު ކްލަބަކުން ދާއިމީ ޖާގައެއް ހޯދުމަށް އޭނާއަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
- ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް (އިންގްލެންޑް)، 19 އަހަރު
ލިވަޕޫލްއަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް އެލެކްޒެންޑާ އާނޯލްޑް ވެފައިވާއިރު، އޭނާ ލިވަޕޫލްގެ ކަނާތް ފަޅިން ފަހަތް ބެލެހެއްޓުމުގައި މި ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު، ގައުމީ ޓީމުން ވޯލްޑް ކަޕަށް ނެގި ސްކޮޑުން ފުރަތަމަ ފަހަރަށް ވަނީ ޖާގަ ލިބިފައެވެ.
ކުރިއަށް އަރައި އެޓޭކްގައި ވެސް ބައިވެރިވާ މި ކުޅުންތެރިޔާ އަކީ ފޯވާޑުން ހުއްޓުވުމުގައި ހުށިޔާރު ކުޅުންތެރިއެއްކަން އޭނާވަނީ މޮޅެތި ގިނަ ކުޅުންތެރިންނާ ދެކޮޅަށް ސާބިތު ކޮށްދީފައެވެ.
- އޯސްމާނޭ ޑެމްބެލޭ (ފްރާންސް)، 21 އަހަރު
ރެކޯޑް ޓްރާންސްފާއެއްގައި ޑޯޓްމުންޑް ދޫކޮށް ބާސެލޯނާއަށް ބަދަލުވުމަށްފަހު އަނިޔާގެ ސަބަބުން އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ޑެމްބެލޭއަކީ މޮޅު ކުޅުންތެރިއެއްކަން މުޅި ދުނިޔެ ހެކިވާނެއެވެ.
ދެ ފައިން ވެސް މޮޅަށް ކުޅޭ، ދުވެލި ބާރު މި ކުޅުންތެރިޔާއަކީ ހަމަ ކޮންމެ ޓީމެއްގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ވެސް ލަނޑު ޖެހޭފަދަ ހުނަރުވެރި ކުޅުންތެރިއެކެވެ. ޑެމްބެލޭ އަކީ ވޯލްޑް ކަޕްގައި އެންމެ ވިދާލާނެކަމަށް ބެލެވޭ އެއް ޒުވާން ކުޅުންތެރިޔާއެވެ.
- ރޮޑްރިގޯ ބެންޓެންކާ (އުރުގުއޭ)، 21 އަހަރު
މީގެ އަހަރެއް ކުރިން ބޮކަ ޖޫނިއާސް އިން ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ބެންޓެންކާއަށް ލިބިފައިވަނީ އެންމެ 5 މެޗެވެ. އެހެނަސް، އުރުގުއޭ އާއެކު އޭނާ ދައްކާފައިވާ މޮޅު ކުޅުމާއެކު، އޭނާގެ ހުނަރުވެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
އެޓޭކިންގް މިޑްފީލްޑަށް ކުޅޭ ބެންޓެންކާ އަކީ ބޯޅަ ގެއްލުމާ ނުލާ ގިނަ ވަގުތު ހިފަހައްޓައި، ޓީމަށް އެޓޭކް އުފައްދަން ރަނގަޅު ފުރުސަތުތައް ތަނަވަސް ކޮށްދޭ ޒުވާން ކުޅުންތެރިއެކެވެ. އޭނާގެ ކޮއްޓާ ނެއްޓުމުގެ ހުނަރާއެކު ތަޖުރިބާކާރު ޑިފެންޑަރުންނަށް ވެސް ލަނޑު ދީފައިވާއިރު، އުރުގުއޭ ވޯލްޑް ކަޕްގައި ރަނގަޅު ހިސާބަކަށް ދާނަމަ، އޭނާ ހިއްސާ ބޮޑު ވާނެކަން ޔަގީނެވެ.
- މާކަސް ރަޝްފޯޑް (އިންގްލެންޑް)، 20 އަހަރު
މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޒުވާން މި ކުޅުންތެރިޔާ ވަނީ، ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގާއި، ޔުރޮޕާ ލީގު އަދި ލީގު ކަޕްގައި ވެސް ފުރަތަމަ ފަހަރަށް ކުޅުނު މެޗުތަކުގައި ލަނޑު ޖަހާފައެވެ.
ވޯލްޑް ކަޕާ ކުރިމަތިލާއިރު، ޔުނައިޓެޑްގައި އެންމެ އެކަށީގެންވާވަރަށް މެޗުތައް ކުޅެން ލިބިފައި ނުވުމާއެކު، އިންގްލެންޑްގެ ފުރަތަމަ 11 އިން ޖާގަ ނުލިބުމުގެ ބިރު އޮތަސް، ރަޝްފޯޑް އަކީ ލިބޭ ކޮންމެ ފުރުސަތެއްގައިމެ އިދިކޮޅު ޓީމުތަކުގެ ގޯލަށް ނުރައްކާ ކުރާނެ ފޯވާޑެކެވެ.
- ގެބްރިއަލް ޖީސަސް (ބްރެޒިލް)، 21 އަހަރު
ގައުމީ ޓީމަށް މިހާތަނަށް 150 މެޗު ކުޅެދީ، ސާޖިއޯ އަގުއޭރޯ ފަދަ ކުޅުންތެރިއަކު ހުއްޓާ މެންޗެސްޓާ ސިޓީގެ އެންމެ މުހިންމު ފޯވާޑްގެ މަގާމަށް އަހިސް، އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އުމުރުން އެންމެ 21 އަހަރުގެ ކުޅުންތެރިއަކަށް ކުޑަ ކަމެއް ނޫނެވެ.
ބްރެޒިލްގެ ސެންޓަރ ފޯވާޑެއްގެ މަގާމަށް ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯއާ ވާދަކުރަން ޖެހުނަސް، ގިނަ ފުރުސަތުތަކެއް ހޯދައި، މޮޅު ކުޅުމެއް ދައްކާނެކަން، މަތީގައި ބަޔާން ކުރި ކަންތައްތަކުން އެކަނި ވެސް އެނގި ހާމަވެއެވެ. ޖީސަސް އަކީ ވޯލްޑް ކަޕްގައި ގިނަ ބަޔަކު ޝައުޤުވެރިވާފަދަ ކުޅުމެއް ދައްކާނެ ޒުވާން ކުޅުންތެރިއެކެވެ.
- ކިލިއަން އެމްބާޕޭ (ފްރާންސް)، 19 އަހަރު
އެންމެ ފުރަތަމަ ވިދާލީ މީގެ އަހަރެއް ކުރިން މޮނާކޯއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާގެ ގޮތުގައެވެ. މިހާރު، 180 މިލިޔަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވެ ނޭމާއާއެކު، އެ ޓީމަށް ލީގު ހޯދައިދިނުމުގައި ވެސް އެ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އަވަސް ކޮއްޓުމާއި ނެއްޓުމުގެ ހުނަރާއެކު، ބާރު ދުވެއްޔެއް ލިބިފައިވާ ޒުވާން މި ކުޅުންތެރިޔާއަކީ ފްރާންސް ޓީމަށް ވެސް ވޯލްޑް ކަޕުގައި އެންމެ މުހިންމު ވާނެ އެއް ކުޅުންތެރިޔާއެވެ. ޑިފެންޑަރުން ހާލުގައި ޖައްސާ، ލަނޑުތައް ޖަހައި، ފްރާންސް ޓީމަށް ކާމިޔާބީ ހޯދައިދޭނެ ފުރާވަރު އުމުރުގެ ކުޅުންތެރިއަކަށް އެމްބާޕޭ ވާނޭކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ބަޔަކު އެއްބަސްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް