ނަމަކީ ދަލާލް އަބްދުލް ގާދިރެވެ. ނިސްބަތްވަނީ މިސްރުގެ ގާހިރާގެ މާދީ އަވަށަށެވެ. މި ރަމަޟާން މަހު މި އަންހެން މީހާ ހާއްސަ ވާ ސަބަބަކީ ހަމަ ކޮންމެ ރެއަކުމެ ހާރު ދަމަށް އެ އަވަށު ރައްޔިތުން ހޭލެއްވުމަށް މި އަންހެނާ ކުރާ މަސައްކަތެވެ.
ދަލާލް އޭނާގެ މަސައްކަތް ކޮންމެ ރެއަކު ހާރު ދަން ވުމުގެ ދެ ގަޑިއިރު ކުރީން ފަށަ އެވެ. ހާރު ދަން ވާންވާއިރަށް މުޅި އަވަށް ހޭލައްވާލަ އެވެ. އަދި ދަލާލް ކިޔާ ލަވަތަކާއި ޖަހާ ބެރުން އަވަށުގެ ކުޑަކުދީން ހެއްވާލަ އެވެ.
"އަހަރެން ހަމަ އެކަނި ބެރު ޖަހަނީކީ ނޫން، ކުޑަކުދީންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދިނުމަކީ އެންމެ އުފާވާ އަދި މިކަން ކުރަން އެންމެ ބޭނުންވާ ސަބަބު" ޒިންހުއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ދަލާލް ބުނެފައި ވެ އެވެ.
ދަލާލް ކޮންމެ ރެއަކު ކުރާ މި މަސައްކަތް ދެ ގަޑިއިރަށް ދެމިގެންދާއިރު ދަލާލް ބެރުޖަހާ ލަވަކިޔާން ފެށުމުން ކުޑަކުދީންތައް އޭނާގެ ފުލުން އޭނާއާއި ބައިވެރިވެ އޭނާއާއެކު ހިނގަ އެވެ. އަދި ބައެއް ކުދިން ދަލާލްގެ ހަރަކާތްތައް ބެލުމަށް ކުޑަދޮރުތައް ހުޅުވައިގެން ތިބެ އެވެ.
"އަވަށު ރައްޔިތުން އަހަރެންދެކެ ވާ ލޯބި އިހުސާސް ކުރެވޭ، އަވަށުގެ އެންމެން އަހަންނަށް ގަދަރުކުރޭ، މިކަން ކުރުމުން އަހަރެން އިންތިހާ ދަރަޖައަށް އުފާވޭ" ދަލާލް ބުނެފައި ވެ އެވެ.
މިގޮތަށް ހާރުދަމަށް ރައްޔިތުންނަށް ގޮވާ މީހުންނަށް އަރަބި ބަހުން ކިޔާ އުޅެނީ "މުސަހަރާތީން" އެވެ. ދަލާލް އަކީ މުސަހަރާތީ އެކެވެ. އޭނާ ބުނެފައިވާގޮތުގައި ރަމަޟާން މަހު މުސަހަރާތީ ކަން ކުރަނީ ހަމަ އެކަނި ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. މި ކަމަކީ ނުވަ ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ސަގާފީ ކަމަކަށް ވާއިރު މިކަން ދިރުވާ އާލާ ކުރުމަކީވެސް މުހިއްމު ކަމެއް ކަމުގައި ދެކޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް