ގެފުޅާއި 20 މީޓަރު ދުރުގައި ހުންނަ ޒަމްޒަމް ފެން ވަޅުން ފެން ފޮދެއް ބޮއުމަކީ ގެފުޅަށް އަޅުކަމަށްދާ ކޮންމެ މުސްލިމު އަޙެއްގެވެސް އުއްމީދެކެވެ.
ފަސްހާސް އަހަރާއެކު ޒަމްޒަމް ފެން ވަޅާކީ މިހާރު ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ ވަޅުކަމަށް ބެލެވެ އެވެ. ކޮންމެ ސިކުންތަކު އެވަޅުން 18.5 ލީޓަރުގެ ފެން މައްޗަށް އަރަ އެވެ. ވަޅުގެ ފުން މިނުގައި ހުންނަނީ 30 މީޓަރެވެ.
ޒަމްޒަމް ފެން ވަޅު އުފެދުނީ މާތްﷲ ރުއްސުންލެއްވި ނަބިއްޔާ، އިބްރާހިމްގެފާނުގެ އަނބިކަނބަލުން ޙާޖަރުގެފާނާއި، ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނު މާތްﷲގެ އަމުރުފުޅަށް، އިބްރާހިމްގެފާނު އެދެމައިން ހަނަފަސް ސަހަރާއަކަށް ދޫކޮށްލެއްވުމަށްފަހު ވަޑައިގަތުމަށްފަހު އެވެ. އެ ހަނަފަސް ސަހަރާއަކީ މިހާރުގެ މައްކާ އެވެ. އޭރު އެތާ ފެނެއް، ގަހެއް، ދިރޭ އެއްޗެއް އަދި މީހަކުވެސް ނޫޅެ އެވެ.
ހަނަފަސް ސަހަރާގައި ފެން ފޮދަކަށް ޙާޖަރުގެފާނު އެދެމުންދަނިކޮށް ޖިބްރީލުގެފާނު ބިމަށް ފައިބާވަޑައިގެން ތުއްޕުޅު ދަރިކަލުން އިސްމާޢިލުގެފާނު ބިންމަތީގައި ފައިންޕުޅު ޖެއްސެވިތަނުން ފެން އާރެއް ނެރުއްވި އެވެ. އެ ފެނަށް ޒަމްޒަމް ފެނޭ ކިޔުނެވެ. ފެން ލިބެންފެށުމުން އެ ސަހަރާގައި މީހުން އާބާދުވާން ފެށި އެވެ.
ރަސޫލާ މުޙައްމަދު (ސ.އ.ވ) އުފަންވެވަޑައިގަތުމުގެ ކުރިން ޒަމްޒަމް ފެން ވަޅު ހަލާކުކުރަން ބަޔަކު މަސައްކަތްކޮށް، އެވަޅަށް ފަސް އެޅި އެވެ. ނަމަވެސް ރަސޫލާގެ ކާފާފުޅަށް އެ ވަޅު ކޮންނެވުމަށް ދަންނަވާ ހުވަފެނެއް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެވަޅު އަލުން ކޮންނެވި އެވެ.
ޒަމްޒަމް ފެންވަޅު ހުންނަ އިމާރާތް އެންމެ ކުރީގައިހުރީ ގެފުޅު ވަށައިގެން ތަވާފުކުރަން އޮންނަ ސަރަޙައްދުގެ މެދުގައި އެވެ. އެކި ބުރި ބުރިއަށް ނަގާފައިހުރި އެ އިމާރާތުގައި ކޮޕާ ރިންގަކާއި، ފެންވަޅު ކަވަރަކާއި، 14 ވަނަ ޤަރުނުގައި ބަހައްޓާފައިހުރި ވޯޓާ ވީލްއެއް ހުރި އެވެ. އަދި 1299 ވަނަ އަހަރު ބެހެއްޓިކަމަށް ބެލެވޭ ކޮޕާ ބަކެޓެއްވެސް އެ އިމާރާތުގައި ހުރި އެވެ. މިހާރު އެތަކެތިވަނީ ގެފުޅާއި މަސްޖިދުލް ނަބަވީގެ އަސާރީ ތަކެތި ބަހައްޓާ ދާރުލްއަސާރުގައި ރައްކާކުރެވިފަ އެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ގެފުޅަށް އަންނަ މުސްލިމުންގެ އަދަދު ގިނަ ވެގެންދިއުމާއި ގުޅިގެން އަޅުކަން ކުރަން އޮންނަ ސަރަޙައްދު ބޮޑުކުރުމުގެ ގޮތުން ތަވާފުކުރަން އޮންނަ ސަރަޙައްދު ބޮޑުކުރި އެވެ. އެއީ ޙިޖުރައިން 1377 ވަނަ އަހަރު އެވެ.
ރަސްގެފާނު ޚާލިދުގެ ރަސްކަމުގައި ޙިޖުރައިން 1400 ވަނަ އަހަރު ޒަމްޒަމް ފެންވަޅު ސާފުކޮށް މަރާމާތުކުރުމުގެ ބޮޑު އޯޕަރޭޝަން ހިންގި އެވެ.
މިލާދީން 2010 ވަނަ އަހަރު، ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް ރަސްކަމުގައި ޒަމްޒަމް ފެންވަޅުން ފެން ނަގައި ފިލްޓާރ ކުރުމަށް 700 މިލިޔަން ސަޢުދީ ރިޔާލުގެ ބޮޑު ޕްރޮޖެކްޓެއް ހިންގެވި އެވެ. ފިލްޓާރ ކުރުމަށް ފެން ނަގަން މަސްޖިދުލް އަލް ޙަރަމްއާއި 4.5 ކިލޯމީޓަރު ދުރުގައި ސްޓޭޝަނެއް ޤާއިމްކުރި އެވެ. އެކި އިމާރާތްތަކާއެކު އެ ސްޓޭޝަން ހެދީ 13405 ސްކުއާ މީޓަރުގެ ބޮޑު ސަރަޙައްދެއްގަ އެވެ.
ކޮންމެ ދުވަހަކު 12 ޓަނުގެ ޒަމްޒަމް ފެން މަސްޖިދުލް ނަބަވިއްޔާއަށް ގެންދެވެ އެވެ. ފެން ގެންދަނީ ފެނަށް ގެއްލުމެއް ނުލިބޭގޮތައް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ފެން ޓޭންކެއްގައި ޓްރަކަކަށް ލައިގެންނެވެ. މަސްޖިދުލް ނަބަވިއްޔާގައި ފެން ލިބެން ހުންނަނީ 7000 ސްޓެރިލް ކޮންޓެއިނަރަށް އެޅުމަށްފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް