ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދާ އަންހެން މީހާ އަދިވެސް ހޭނާރާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލެ ފިތިރޯނު މަގުން، އެމްޕީއެލް ކައިރީ ރޭ 12:30 ހާއިރު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 22 އަހަރުގެ އަންހެނަކަށެވެ. އޭނާގެ ބޯ ތާރު ގަނޑުގައި ޖެހި ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭގައި މިހާރު ފަރުވާދެމުންދާއިރު އަދިވެސް އޮތީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ. އެކްސިޑެންޓު ހިނގި އިރު އަންހެން މީހާ އިނީ ސައިކަލުގެ ފަހަތުގައި އެވެ. އޭނާގެ ކުރީގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބަމްޕަރެއްގެ މަތިން ކޮންޓްރޯލް ނުވެގެން ކަހާލައިގެން ގޮސް އެ ސައިކަލުގައި ޖެހުމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް