ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ފުރަތަމަ ބީއެމްއެލް ސްޓޫޑަންޓް ޑެބިޓް ކާޑު ތަޢާރަފުކޮށްފިއެވެ.
މި ކާޑު ތައާރަފްކޮށްފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ކާޑު 7 އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެއެވެ.
"ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ، މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ" ބީއެމްއެލްއިން ބުނެފައިވެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ ކަމަށާއި އަދި ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ބޭންކުން ބުނެއެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށާއި މީގެ ސަބަބުން ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ޚިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން ކަމަށެވެ.
"ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް، ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަނުވައި، އަޅުގަނޑުމެންގެ އަމާޒަކީ މާލީ ޚިދުމަތްތަކާމެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން" ޝަރީފް ވިދާޅުވިއެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް އިން އަބުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް