ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 72 ކުއްޖަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ.
އެ މެސެޖުގައި ވަޒީރު ވިދާޅުވެފައިވަނީ ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާކަމަށާއި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައި ވެސް ފެންނަން އޮތް ހިނދު، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށެވެ.
"އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވޭ، މިއީ ޢާއިލާތަކުގެ ޙާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގ ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ވެސް ކުދިން ފޮސްޓަރކޮށް ޢާއިލާގައި ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށް، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވެން ފެށި ވަރުގަދަ މަސައްކަތެކެއް، އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ވަނީ ޢާއިލީ ވެއްޓެއް ހޯދައިދެވިފައި" ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރައްވާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއް ކަމަށެވެ.
"މި ފުރުޞަތުގައި، އަޅުގަނޑުމެންގެ ކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކި ފެންވަރުގައި އެކި މަސައްކަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރާ ޙާލު، އެ ފަރާތްތަކަށް ހިތުގެ ޚާލިޞް ޝުކުރު އަރިސްކުރަން، އަދި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް އިލްތިމާސްކުރަން" ވަޒީރު ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން". މި ޝިޢާރުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއްގެ ވާހަކަ ބުނެދޭކަން ފާހަގަކުރައްވަމުން ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ އެއްކަމަކީ ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތު ކަމަށާއި މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.
ދެވަނަ ކަމަކީ ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައް ކަމަށާއި މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަން ކަމަށެވެ.
"އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދޭ، މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށް" ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ފާހަގަކުރައްވާފައިވާގޮތުގައި ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، ޢާއިލީ ވެއްޓެކެވެ. އެފަދަ މާޙައުލެއްގައި ކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއް ކަމުގައި ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް