މި ހިނގާ 2024 ވަނަ އަހަރުގެ ހުޅަނގު މޫސުން ފެށިފައިވާކަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިއުލާނުކޮށްފިއެވެ.
އެގޮތުން މެޓުން މިއަދު ބުނެފައިވަނީ އެ ސާވިސް އިން ބަލާ މިންތަކުން ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާކަމަށެވެ.
"ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދޭ" މެޓުން ބުނެފައިވެއެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެކަން ހާމަކުރަމުން މެޓުން ބުނެފައިވަނީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭވެހުން، އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދިއުމާއި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން، އަދި މިހާތަލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް