ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާގޮތުގައި ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން އިއްޔެ ހުޅުވާލާފައިވާއިރު ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނެއެވެ.
"ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައވަނީ މި ކޯޕަރޭޝަންގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް، ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި" އެޗްޑީސީއިން ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާ ކަމުގައިވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް