ކަލަކު ވޮޑިގެން ނުވާކަމުގެ ވަސްވާސް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުން: ޚުޠުބާ

ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާ...

10 May 2024 | 09:09

ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް (ވަސްވާސް) ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.

މިއަދު އިއްވި ޚުޠުބާގެ މަޢުލޫ އަކީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މި މަޢުލޫ އެވެ.

މި މަޢުލޫގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރާކަމަށާއި އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާކަމަށެވެ.

"ނަމަވެސް ޙަޤީޤަތުގައި މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫން، ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރޭ، ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫން، އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓޭ ކަމާއި ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެންނަކަމާއި ނުވަތަ އިޙްސާސްވެސް ނުވާކަމާއި ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވާކަމާއި އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވާކަމާއި ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެންނަހިނދު އިޙުސާސްވެސް ނުވާކަމާއި އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ﷲ سُبْحَانَهُ وَتَعَالَى مَعْرِفَة ކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެއް، އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާ އަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން، މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކަމާއެކު އެކަމެއް ޤަބޫލުކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވޭ، މާތް ﷲ އަށް އީމާންވާ މީހާ، އެކަލާނގެ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ތެދުކޮށް ޔަޤީންކަމާއެކު ޤަބޫލުކޮށް، އީމާން ވާން ޖެހޭ، އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާކަމަށް އީމާންވުން، މިއީ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުގެ އަސާސް" ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައި ކަމަށާއި އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެކަމަށެވެ. އަދި އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށާއި ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލުނުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް