މި އަހަރުގެ ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގު ސޮއިކޮށްފިއެވެ.
ހޮޓެލް އޭޝިއާއަކީ ދިވެހިރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯވއެވެ. އެގޮތުން މިއަހަރު ކުރިއަށްދާނީ ހޮޓެލް އޭޝިއާގެ 18ވަނަ އެޑިޝަނެވެ. މިއަހަރުގެ އިވެންޓްގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ 13 މެއި އިން 15 މެއި 2024 ގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގައެވެ. އަދި މި އިވެންޓްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ 12 މެއި އިން 15 މެއި 2024 ގެ ނިޔަލަށް ދަރުބާރުގެ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން،ޔޫ) ގައެވެ.
މިއަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. މީގެ އިތުރުން އައު އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވަރކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެއެވެ.
މިފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިންގ ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެއެވެ. އަދި މި އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވަރކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް