ކުދިން ޒިންމާދާރު ކުރުވަން މުހިންމުކަން ބުނެދީ ފުރުސަތު ފަހިކޮށްދޭން ޖެހޭ: މެޑަމް ފަޒްނާ

ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ހެދުމަށް ބަސްބުނުމުގެ ޙައްޤާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަ...

10 May 2023 | 07:40

ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ހެދުމަށް ބަސްބުނުމުގެ ޙައްޤާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެކަމަނާ ވިދާޅުވީ ކުޑަކުދިން ދިންމާދާރުވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވި ގޮތުގައި ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.

ހަމަ އެފަދައިން އެކަމަނާ ވިދާޅުވިގޮތުގައި ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވިގޮތުގައި އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި ވިދާޅުވިއެވެ.

މި މެސެޖުގައި މައިންބަފައިންނާއި މުދައްރިސުންނާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިދާޅުފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވީ ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ޤަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ޤަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުޞަތު ބޮޑުވާނެކަމުގައެވެ.

އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް