ގައުމީ ތަރައްގީގެ ވިސްނުމުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑު ކުރަން ޖެހޭ: ރައީސް

އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެނ...

10 May 2023 | 06:44

އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖްތަމަޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު، އެ ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖްތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްޤުތަކާއި، އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމާއިމެދުވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުންކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވަނީ، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި، މައިން ބަފައިންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށްވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް