ޕީސީބީގެ މެންބަރާއި ގުޅޭ ގޮތުން ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިރުވީންއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހ...

10 May 2023 | 06:23

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިރުވީންއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން ޕީސީބީގެ މެންބަރު ކަމަށް މ. ލޭންޑް އޮފް ގާޑްން، ފާތިމަތު ޝިރުވީން އައްޔަން ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފަ އެވެ.

އަދި މި މައްސަލަ ދިރާސާކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ.

މިގޮތުން ފާތިމަތު ޝިރުވީންއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ 10:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ފާތިމަތު ޝިރުވީން އައްޔަންކޮށްފައިވަނީ ގާނޫނީ ދާއިރާއިންނެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތްކުރައްވަމުން ގެންދެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީންއަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް