އެފްރިކަން ވިމެން ސަމިޓް-23 އަށް މާރިޔާ ފުރާވަޑައިގެންފި

އެފްރިކަން ވިމެން ސަމިޓް-23 ގައި ބައިވެރިވެ ވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ރޭ ފުރާވަޑައިގެންފިއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި މަހު 11 އާއި 12 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގަ...

10 May 2023 | 05:49

އެފްރިކަން ވިމެން ސަމިޓް-23 ގައި ބައިވެރިވެ ވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ރޭ ފުރާވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި މަހު 11 އާއި 12 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23"ގައި ބައިވެރިވެ ވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ރޭ ފުރާވަޑައިގެންފައިވާ ކަަމަށެވެ.

މި ސަމިޓަކީ އެފްރިކާ ބައްރަށް އަމާޒުކޮށް އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ، ސިޔާސީ އަދި އިޖުތިމާއީ އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ސަމިޓެކެވެ. މި ސަމިޓުގައި އެފްރިކާ ބައްރުގައި ނުހިމެނޭ، ފާހަގަކޮށްލެވޭ އެހެން ފަރާތްތަކުންވެސް ތަގުރީރު ކުރުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން ސަމިޓްގެ ކީ ނޯޓް ސްޕީކަރެއްގެ ގޮތުން ތަގުރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގެ އެކި ޕެނަލް ޑިސްކަޝަން ތަކުގައިވެސް މިނިސްޓަރު މާރިޔާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މާރިޔާގެ އަރިހުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގަންނަވައެވެ.

މާރިޔާގެ މި ދަތުރުފުޅަކީ ފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ލިބިވަޑައިގެންނެވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މާރިޔާގެ އަރިހުގައި ދަތުރުކުރައްވާ ދެ ބޭފުޅުންގެ ދަތުރުގެ ޚަރަދު ފިޔަވައި އެހެން ޚަރަދުތައް ހަމަޖައްސާފައިވަނީ ސަމިޓް އޯގަނައިސް ކުރާ ފަރާތުންނެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް