ބަރަހަނާ ހާލުގައި މޫދުގައި އޮއްވަ ހައްޔަރު ކުރި ހަސަން ޒިޔާދު ދޫކޮށްލައިފި އެވެ.
އޭނާ އަކީ މިސްކިތްތަކަށް ކުޅުޖަހައި ހަތިމަކަށް ކުދަކަމު ދިޔަ މައްސަލައެއްގައިވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިންމުމަށް ފަހު އޭނާ ހުރީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި އެވެ.
މާލޭ މަސްވެރިންގެ ޕާކު ސަރަހައްދުގ މޫދުގައި ބަރަހަނާ ހާލުގައި އޭނާ އޮއްވަ ހައްޔަރު ކުރީ މިދިޔަ މަހުގެ22 ވަނަ ދުވަހު އެވެ. މި މައްސަލައިގަ ފުލުހުންގެ އޭނާގެ މައްޗަށް ކުރަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ.
ޒިޔާދު ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. އެންމެ ފުރަތަމަ މި މައްސަލައިގަ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖަހައިދީފައިވަނީ15 ދުވަހުގެ މުއްދަތެކެވެ.
އެ މުއްދަތު ހަމަވުމުން ފުލުހުން އޭނާ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.
މިފަދަ އަމަލުތައް ކުރާތީ އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ބުނެ މީގެ ކުރިން ވާހަކަ ދެކެވުނެވެ.
އެކަމަކު ޖެންޑާ މިނިސްޓްރީން ވަނީ ޒިޔާދުގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތްކަން ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް