މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މާކެޓަށް ހާއްސަ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2022ގައި ރާއްޖެ ޕްރޮޯޓްކުރުަށް އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.
ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ ނުވަތަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 9 އިން 12 އަށް ކުރިއަށް ގެންދާ މި ފެއަރގައި ރާއްޖޭގެ 62 ކުންފުންޏަކުން ބައިވެރިވެއެވެ. މިއީ މިފަދަ ފެއަރއެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެންމެ ބޮޑު ޓީމެވެ. އަދި މިއީ މިއަހަރު މިހާތަނަށް އެމްއެމްޕީއާރްސީން ބައިވެރިވާ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވީ މި މާކެޓަކީ ރާއްޖޭގެ ބްރޭންޑް މެދުއިރުމަތީގައި އިސްތިހާރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ތައްޔިބް ވިދާޅުވީ ގޮތުގައި، މެދު އިރުމަތީ މާކެޓަކީ ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާ ބޭނުންވާ މާކެޓެއް ކަމަށެވެ. އަދި ރާއްޖެއަކީ މިފަދަ ޙިދުމަތްތައް ފުޅާދައިރާއެއްގައި ދޭ ޤައުމަކަށްވެފައި ރާއްޖެއާއި ބެހޭ މިފަދަ ހުރިހާ މަޢުލޫމާތެއް މި ފެއަރގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެ ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ ލަޤަބު ހޯދީ ކިހިނެތްކަން މި ސަރަހައްދުގެ ފަތުރުވެރިންނަށް އަންގައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ފެއާގެ ތެރެއިން އެމްއެމްޕީއާރުސީއާއި ގަތަރު އެއާވޭސްއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ދެ ކުންފުނީގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު މި އެމްއޯޔޫގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޠައްޔިބު މުޙައްމަދެވެ. އަދި ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީސީއޯ ތިއެރީ އެންޓިނޯރީއެެވެ.
މީގެ އިތުރުންވެސް ދާއިރާގެ އެކިއެކި ބައިވެރިންނާއެކު މި ފެއާގެ ތެރެއިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް