ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުުލުމުގައި އަމަލު ކުރެވޭނެ އުސޫލު އެޕާޓީން އާންމު ކޮށްފިއެވެ.
އެމްޑީޕީން ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އޭނާ ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުމަކީ މަނާ ކަމެކެވެ. ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް މަނާވާނެ ކަމަށާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވެސް މަނާވާނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެ އުސޫލުގައި ވާގޮތުން ވޯޓުލުމަށްފަހު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުން މަނާވާނެ ކަމަށާއި ވޯޓު ކަރުދާސްކޮޅު ހިފައިގެން ވޯޓުލާ މަރުކަޒުން ބޭރަށް ނުކުތުން ވެސް މަނާ ކަމަށް ބުނެފައި ވެއެވެ. އަދި އިންތިހާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ ކަމާއި ވޯޓުލާ މަރުކަޒުގައި ނަތީޖާ އާންމު ކުރަންޖެހޭނެ ކަމަށްއެ އުސޫލުގައިވެއެވެ.
އެ އުސޫލުގައިވާގޮތުން ބާތިލް ވޯޓެއް ގޮތުގައި ގުނާނީ ގަވާއިދާ ހިލާފަށް ދީފައިވާ ވޯޓުކަން އެނގޭ ވޯޓާއި އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓާއި އިންތިހާބުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓާއި އިންތިހާބާ ބެހޭ ކޮމިޓީން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓާއި ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގަ ޖަހާފައިވާ ވޯޓުގެ އިތުރުން ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ ވޯޓެވެ.
ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.
އެމްޑީޕީ ޗެއާޕާސަން އަދި އަންހެނުންގެ ރޫހުގެ އިންތިހާބުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް