ލަންކާގައި އުޅޭ ދިވެހިންނަށް އެހީވާން އިދިކޮޅުން ގޮވާލައިފި

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީވުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ. އިދކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަ...

10 May 2022 | 05:52

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީވުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އިދކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އަވަސް ފިޔަވަޅުތަކެއް އަޅަން ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ.

ބަޔާނުގައި ބުނީ ލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރީތި އުސޫލުގެ ބޭނުން ހިފާ، ގައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ގައުމުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެގެން ދިއުމަކީ އިދިކޮޅު ކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުއްމީދު ކަމަށެވެ.

މީގެއިތުރުން ލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތު ބަލައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ސަރުކާރަށް އިލްތިމާސްކޮށްފައިވެ އެެވެ.

ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ. ލަންކާގައި ދިހިންގެ 16،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދިވެހި ސަރުކާރުން ބުނެފައިވަނީ އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ސްރީލަންކާގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އެ ގައުމުގައި ވަނީ މާދަމާގެ ނިޔަލަށް ކާފިއު އިއުލާންކޮށްފަ އެވެ.

ހާލަތު ގޯސްވަމުންދާ ލަންކާގެ މުޒާހަރާތަކުގައި މިހާތަނަށް ފަސް މީހުން މަރުވެފައިވެ އެވެ. އަދި މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ ވެރިންގެ ގޭގޭގައި ހުޅު ޖަހަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް