ރާޖަޕަކްސަ އާއި އޭނާގެ އާއިލާ އަސްކަރިއްޔާގެ ރައްކާތެރިކަމުގެ ދަށަށް

އިއްޔެ އިސްތިއުފާ ދެއްވި، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި އޭނާގެ އާއިލާ އެ ގައުމުގެ އަސްކަރިއްޔާގެ ރައްކާތެރިކަމުގެ ދަށަށް ގެންގޮސްފިއެވެ. ރާޖަޕަކްސައާއި އޭނާގެ އާއިލާ އަސްކަރިއްޔާގެ ...

10 May 2022 | 05:09

އިއްޔެ އިސްތިއުފާ ދެއްވި، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި އޭނާގެ އާއިލާ އެ ގައުމުގެ އަސްކަރިއްޔާގެ ރައްކާތެރިކަމުގެ ދަށަށް ގެންގޮސްފިއެވެ.

ރާޖަޕަކްސައާއި އޭނާގެ އާއިލާ އަސްކަރިއްޔާގެ ރައްކާތެރިކަމުގެ ދަށަށް ގެންދިޔައީ ލަންކާގެ އަސްކަރިއްޔާއިން ފަތިހު ހިންގި އޮޕަރޭޝަނެއްގައެވެ.

ބައިނަލްއަގްވާމީ މީޑިއާއަށް މައުލޫމާތުދެމުން ލަންކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ވަގުތު އެކަނިވެސް ރާޖަޕަކްސަ ދިރިއުޅުއްވި އިމާރާތް ހިމެނޭ ގޯއްޗަށް ޕެޓްރޯލު ބޮން އުކަމުންދިޔަ ކަމަށެވެ.

ރާޖަޕަކްސަ އާއި އޭނާގެ އާއިލާ އަސްކަރިއްޔާގެ ރައްކާތެރިކަމަށް ގެންދިޔައީ އެތައް ހާސް ރައްޔިތުންނެއް ރާޖަޕަކްސަ ދިރިއުޅުއްވާ ޓެމްޕަލް ޓްރީސް ރެސިޑެންސް ދޮށަށްް އެއްވެ އެ ރެސިޑެންސްގެ ގޭޓް އިރާލާ ގޯތިތެރެއަށް ވަދެގަތް ފަހުންނެވެ.

ރާޖަޕަކްސް އާއި އޭނާގެ އާއިލާ ގެންދިޔައީ ކޮންތާކަަކަށް ކަމެއް ސަލާމަތީ ސަބަބުތަކަށްޓަކައި ލަންކާ އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ.

އިއްޔެ މެންދުރެއްހާއިރު ލަންކާގެ މަސްރަހު އިތުރަށް ގޯސްވެގެންދިޔައީ މަހިންދަރާޖަޕަކްސަ އޭނާގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅުދެއްކެވިފަހުން ސަޕޯޓަރުން ނިކުމެ، ސުލްހަވެރި މުޒާހަރާތަކުގެ ބައިވެރިންނަށް ހަަމަލާ ދޭންފެށި ހިސާބުންނެވެ.

އެ ހިސާބުން ހާލަތު މުޅިން ގޯސްވެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ތަޅާފޮޅުންތަކަކަށްގޮސް ސިޔާސީ ވެރިންގެ ގޭގޭގައި ހުޅު ރޯކޮށް ވެހިކަލްތަކުގައި ހުޅު ރޯކޮށް ގައުމު އެކުގައިގެން ހަލަބޮލިކޮށްލިއެވެ.

ގައުމު ހަލަބޮލިވެގެންދާން ފެށުމުން ބޮޑުވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވިއެވެ. ނަމަވެސް މަސްރަހުގެ ހޫނުކަމަށް ބަދަލެއް ނައިސް ހިންގަމުންދިޔަ ހަމަނުޖެހުންތަކުގައި މިހާތަަނަށް ފަސް މީހަަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި ޒަހަމްތައް ލިބިފައިވާ މީހުންގެ އަދަދު 200 އަަށްވުރެ ގިނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް