ނިމް ނަފްރަތު ކުރާ މީހާގެ ނަން، ޕްރޮގްރާމްގައި ސެންސަރު!

ބައިސްކޯފުގެ 'ތުންތުންމަތިން' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ޓިކްޓޮކްގައި މަޝްހޫރު ނިމްޝާ ޒާހިރު (ނިމް) ނަފްރަތުކުރާ ނުވަތަ ރުޅިއަންނަ އެއްވެސް މީހެއް ނޫނީ ބައެއް ތިބިތޯ ކުރި ސުވާލުގެ ޖަވާބުގައި އަ...

10 May 2021 | 15:26

ބައިސްކޯފުގެ 'ތުންތުންމަތިން' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ޓިކްޓޮކްގައި މަޝްހޫރު ނިމްޝާ ޒާހިރު (ނިމް) ނަފްރަތުކުރާ ނުވަތަ ރުޅިއަންނަ އެއްވެސް މީހެއް ނޫނީ ބައެއް ތިބިތޯ ކުރި ސުވާލުގެ ޖަވާބުގައި އަންނަނީ ސެންސަރު ތަންކޮޅެކެވެ.

އެމީހެއްގެ ނަން ބުނާއިރު އެތަންކޮޅު ކަނޑާލާފައިވެއެވެ. އެހެންކަމުން ނިމް ރުޅި އަންނަ މީހާއަކީ ކާކުކަމެއް ސާފެއް ނުވެއެވެ.

ފުރަތަމަ އެ ސުވާލު ކުރުމުން ނިމް ބުނީ، ރުޅި އަންނަ މީހެއް ހުންނަ ކަމަށެވެ. އެހިސާބުން ޝޯގެ ޕްރެޒެންޓަރު ޝަހޫ ބުނަނީ މިކަހަލަ ޗާންސް ގިނަގިނައިން ނުލިބޭނެ ކަމަށާއި އެހެންކަމުން އަވަހަށް ނަން ބުނުމަށެވެ.

އެހެން ބުނުމާއި އެކު ނިމް ވަގުތުން ނަން ބުނެއެވެ. ނަމަވެސް ޕްރޮގްރާމްގައި އެތަންކޮޅު ވަނީ ސެންސަރު ކޮށްފައެވެ.

"ރުޅިއައިއްސަ (އޭނާގެ ނަން) ބުނަން ބޭނުމީ. ހެވިފަކާއެއްނޫން. އަސްލު ހަމަ ވަރަށް ރުޅިއާދޭ*** ދެކެ. ވަރަށް ބައިވަރު ރީޒަންސް އެބަހުރި." ނިމް އެހެން ބުނި އިރު އެތަންކޮޅުގައި ނަން ބޭނުންކުރި ތަންކޮޅުވެސް ވަނީ ސެންސަރ ކޮށްފަ އެވެ.

ނިމް ބުނީ އެމީހަކު ދެކެ ރުޅިއަންނަ ބައިވަރު ސަބަބު އެބަހުރި ކަަމަށާއި އޭގެތެރެއިން އެންމެ ރުޅިއަންނަ އެއް ކަމަކީ އެމީހާ ނިމްއަށް ވާން މަސައްކަތް ކުރުން ކަމަށް ބުނެއެެވެ.

ދުވަހަކުވެސް މަގުމަތިން މީހަކާ ޒުވާބުކޮށް ނޫނީ އެއްޗެހި ކިޔާފައި ވާނެތޯ އާއި ކޮށްފައިވާނަމަ އެއީ ކީއްވެތޯ އެހުމުން ނިމް ބުނީ، އޭނާ ލައިގެން ހުރި ހެދުމާ ބެހުމުން 'ކަޅި ތިއަށްވުރެ މަތިކޮށްގެން ހިނގުމަށް' އެމީހާ ކައިރީގައި ބުނި ކަމަށެވެ.

މީގެ ދުވަސްގަނޑެއް ކުރިން، ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލަނީއޭ ކިޔައި އަޑުފެތުރުނެވެ. ނަމަވެސް އެއީ 'ޑެއަރ' އެއްކަމަށް ފަހުން އޭނާ ބުނެއެވެ.

އެއީ 'ތުންތުންމަތުން' ޝޯގައި އޭނާއަށް ޖެހުނު ޑެއަރ އެކެވެ. އަދި އެ ޝޯގެ ގަވާއިދު އޮންނަގޮތުން، ޝޯ ނިމެންދެން އެ ވީޑިއޯކޮޅު މީސްމީޑިޔާގައި ބައިންދަން ޖެހެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޝޫޓްކޮށްފައިވާ 'ތުންތުން މަތިން' ޕްރޮގްރާމްގެ ބައިތައް މިހާރު ވަނީ ބައިސްކޯފުން ދައްކަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް