ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގައި އޮތް ގައުމު ކަމަށްވާ އިންޑިއާގެ ބޮލީވުޑް ތަރިންގެ މެދުގައި ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގައި ވާދަވެރިކަން އުފެދެން ފަށައިފި އެވެ.
އިންޑިއާގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރުމާއި އޮކްސިޖަން ލިބޭނެ ގޮތެއް ނެތިގެން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. އިންޑިއާ ސަރުކާރާއި އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރަށް ކޯވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެހީދޭ ފަރާތްތަކަށް ބަރޯސާ ވާން ވަނީ މަޖުބުރުވެފަ އެވެ.
މިދަނޑުވަޅުގައި އިންޑިއާގެ މުއްސަނދި ބޮލީވުޑްގެ އެކި ފަންނާނުން ދަނީ އެމީހުުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދެމުންނެވެ. އެހީވަމުންދާ ގޮތަށް ބަލާއިރު މިހާރު މީޑިއާއިން މިކަން ސިފަ ކުރަނީ ތަރިންގެ މެދުގައި ވާދަވެރިކަމެއް އުފެދިފައިވާ ކަމަށެވެ.
އެންމެ ފަހުން ނޫސްތަކަށް އެރީ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީ 250 ހޮސްޕިޓަލް ހެނދު އިންޑިއާ ސަރުކާރަށް ހަދިޔާ ކުރި ވާހަކަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހަދިޔާ ކުރި މި އެނދުތައް ބޭނުން ކުރާނީ ވެރިރަށް ނިއުދިއްލީގައި ހުންނަ ގުރޫ ތޭގް ބަހާދުރު ކޮވިޑު ކެއާ ސެންޓަރުގައި އެވެ.
ރޯހިތުގެ މި އެހީއަށް އިންޑިއާ ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ތައުރީފުކޮށް ޝުކުރު އަދާ ކުރަމުންނެވެ.
ކޯވިޑަށް އެހީވުމުގައި އެންމެ ފުރަތަމަ ނުކުތް ބޮލީވުޑް ފަންނާނުންގެ ތެރޭގައި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ހިމެނެ އެވެ. އޭނާ ހަދިޔާ ކުރީ އޮކްސިޖަން އެވެ. އޭގެ ފަހުން އަޖޭ ދޭވްގަން ވަނީ ޕްރޮޑިއުސަރް އަނަންދް ޕަންޑިތް އާއި ބައިވެގެން 75 އެނދުގެ ވަގުތީ ހޮސްޕިޓަލްތަކެއް މުމްބާއީގެ ތިން ސަރަހައްދެއްގައި އަޅައިދީ އެމީހުންގެ ހަރަދުގައި ހިލޭ ކޯވިޑަށް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދީފަ އެވެ.
މީގެ އިތުރު އަމީތާބު ބައްޗަން އާއި ޝާރުކް ހާން ފަދަ ތަރިންވެސް ދަނީ ކޯވިޑަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. މީގެ ތެރެއިން ޝާރުކް އެހީވަމުން ދަނީ ސަރުކާރު ނުވަތަ އެހެން ބަޔަކާއި ނުގުޅި އަމިއްލަ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް