ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް، ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ސަރުކާރުން އިސްކަން ދީގެން ކުރާ ކަންކަމުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަމާއި ޢަދުލު އިންޞާފު ހޯދައިދިނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
އެގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު ޢަމަލުކުރަންފެށުން ފާހަގަކުރައްވާފަ ވެއެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަކީ، ޤާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭކަމެއްކަމަށެވެ.
އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އަދި މުޅި ދައުލަތުގެ ބައިވެރިވުން ބޭނުންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި މުޖުތަމައުއަށް ބޭނުންތެރި، ބަސްވިކޭ ބަޔަކަށް ކުޑަކުދިން ހެދޭނީ އެ ކުދިންނާ މުއާމަލާތްކުރުމާއި ގޭތެރެ އާއި ބޭރުގައި އުޅޭއިރު ވެސް އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުންނެވެ. އޯގާތެރިކަމާއި ކުލުނާއި ލޯތްބާއި އަޅައިލުމާއި އަދި އެކުވެރިކަން ފަދަ ދިރިއުޅުމުގެ އެންމެ މުހިންމު ސިފަތަކަށް އެކުދިން ހާނުވާއިރު، ހާއްސަ އިސްކަމެއް ދީގެން އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް