އިސްރާއިލުން ކުއްލިއަކަށް އަލް އަޤްޞާއަށް ދިން ހަމަލާތަކެއްގައި 60 ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ޒަޚަމްވެއްޖެ

އަލް އަޤްޞާގެ ކޮމްޕައިންޑުގައި މިހާރު އިސްރާއީލުގެ ސިފައިން ދެމުން ގެންދާ  ހަމަލާތަކުގައި 60 ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން  ޒަޚަމްވެއްޖެއެވެ. ގިނަ އަދަދެއްގެ ބަޔަކު އަލް އަޤްޞާ މިސް...

10 May 2021 | 08:50

އަލް އަޤްޞާގެ ކޮމްޕައިންޑުގައި މިހާރު އިސްރާއީލުގެ ސިފައިން ދެމުން ގެންދާ  ހަމަލާތަކުގައި 60 ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން  ޒަޚަމްވެއްޖެއެވެ.

ގިނަ އަދަދެއްގެ ބަޔަކު އަލް އަޤްޞާ މިސްކިތުގައި އަޅުކަން ކުރުމަށް ތިބިއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށްވަނީ އަނިޔާވެފައެވެ. އަދި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ކުރުމަށް އެ ސަރަޙައްދަށް ދިއުން އިސްރާއީލުގެ ސިފައިން މަނާ ކޮށްފައިވާ ކަމަށްވެސް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން މައުލޫމާތު ދެއެވެ. ނަމަވެސް މިހާރު ޒަޚަމްވީ މީހުންވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއަދުގެ ވަގުތެެއްގައި އިސްރާއީލު ސިފައިން އަލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑަށް ކުށްލިއަކަށް ވަދެގަނެފައިވަނީ ރަބަރު ވަޒަނާއި، ކަރުނަ ގޭހުގެ އިތުރުން ސައުންޑް ބޮމްވެސް ބޭނުން ކުރަމުން ކަމަށް ބޭރުގެ ޚަބަރުތަކުންވަނީ ރިޕޯޓު ކޮށްފައި ވެއެވެ.އަދި އެ ވަގުތު އިސްރާއީލު ސިފައިންގެ ހެލިކޮޕްޓަރުތައްވެސް އެ ސަރަޙައްދުގެ މަތިން ދުއްވާފައިދާ މަންޒަރުވަނީ ރިޕޯޓުކޮށްފައެެވެ.

އިސްރާއީލުގެ ސިފައިން މިއަދު މިސްކިތުގެ ސަރަޙައްދަށް މުޣްރަބީ ގޭޓުން ވަދެފައިވާއިރު، އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރީންވެސް ވަނީ ޖަމާވެފައެވެ. އެ މީހުންނަކީ 1967ވަނަ އަހަރު އިސްރާއިލުން އިރުމަތީ ޤުދުސްއަށް އަރައިގަތް ދުވަސް ކަމަށްވާ "އަލް ޤުދުސް ދުވަސް" ފާހަގަ ކުރަން ރާވާފައިވާ ހިނގާުލުމުގައި ބައިވެރި ވުމަށް ޖަމާވެފައިވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިސްރާއީލް ސިފައިންވަނީ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން ދުރާލާ އެ މީހުންނަށް މިސްކިތުގެ އިމުގެ ތެރެއަށް ނުވަންނަން އަންގާފައެވެ.

ވޭތުވެ ދިޔަ ހަފްތާތަކުގައި އިސްރާއީލުގެ ސިފައިން ޝެއިޚް ޖައްރާޙާއި މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަޙައްދުގެ ފަލަސްޠީނު ރައްޔިތުންނަށް ހަމަލާ ދެމުން ގެންދިއުމާއި އެކު، ދިވެހި ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ޤައުމުތަކުން ގެންދަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.ބައިނަލްއަޤްވާމީ ޕްރެޝަރަށް ރައްދު ދެއްވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ވަނީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށާއި، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ ވެރިރަށް އާބާދު ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.އަދި ޔަހޫދީ އާއިލާތައް ވަޒަންވެރި ކުރުމަށް އިސްރާއިލުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާ ނުލައްވާނެ ކަމަށާއި، އެ މަސައްކަތްތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ޤައުމު ތަކުން އިސްރާއީލަށް ކުރިމަތި ކުރުވާ ފިއްތުންތައް ބަލައި ނުގަންނަ ކަމަށްވެސް ނަތަންޔާހޫވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް