ކާޑެއްދޫ އެއާޕޯޓު ގާސިމްގެ ވިލާ ކުންފުންޏަށް ދޭން މަތީ ކޯޓުން ވެސް ތާއިދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގދ. ކާޑެއްދޫ އެއާޕޯޓު، މަހުޖަނު ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން އަތުލީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއާޕޯޓް އ...

10 May 2021 | 07:07

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގދ. ކާޑެއްދޫ އެއާޕޯޓު، މަހުޖަނު ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން އަތުލީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއާޕޯޓް އަލުން ވިލާއަށް ދިނުމަށް ސިވިލް ކޯޓާއި މަތީ ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުމަށް 2013 ވަނަ އަހަރު 50 އަހަރުގެ މުައްދަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލިއެވެ.

އެއާއެކު އެ މައްސަލަ ސިވިލަ ކޯޓަށް ވެއްދިއެވެ. އެ ކޯޓުން ކުކުމް ކުރީ ގދ. ކާޑެއްދޫ އެއާޕޯޓު، ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން އަތުލީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށް ކަމަށެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް މަތީ ކޯޓުން 2019 ވަނަ އަހަރު އޮތީ ތާއީދުކޮށްފައެވެ. އެހެން ނަމަވެސް ދޫ ދިނުމެއް ނެތި އެ މައްސަލަ ދަށު ކޯޓުގައި ވެސް ދައުލަތުން ވަނީ އިސްތިއުނާފްކޮށްފައެވެ.

ދަށު ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލާގައި ފަނޑިޔާރުގެ ސުއޫދުގެ ރައުޔައަށް ފަނޑިޔާރު ޝުޖޫނާއި، ފަނޑިޔާރު މަހާޒް ވެސް ތާއީދު ކުރެއްވިއެވެ.

މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ދަށު ކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއް ގޮތަށް ވިލާއިން އަމަލު ކުރަމުން ނުދާ ކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ލިޔެކިއުންތަކަކީ އެ ކަން ސާބިތު ކުރަން އެކަށޭނަ ލިޔުންތަކެއް ނޫން ކަމަށެވެ.

މި ގޮތުން އެއިން ބައެއް ރިޕޯޓްތަކަކީ، ވިލާގެ ވާދަވެރިއެއް ކަމުގައިވާ އައިލެންޑް އޭވިއޭޝަނުން އުފައްދާފައިވާ ރިޕޯޓަކަށް ވުމުންނާއި ރަންވޭގެ ފެންވަރެއް ނެތް ކަމަށް ބުނިއިރު ވެސް އެއާޕޯޓަށް ފްލައިޓްތައް ޖައްސަމުންދާތީ އެ ލިޔެކިއުންތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމުގައި ބެލެވޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެއީ 2016 ގައި އެކުލަވާލި ރިޕޯޓްތަކެކެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އުސޫލުތަކާ ޚިލާފަށް ވިލާއިން އެއާޕޯޓް ހިންގަމުންދާ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރަމުން ދިޔަ ނަމަވެސް އެ ކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމުގައެވެ. އެހެންކަމުން އެ ކަން ޝަރީއަތަށް ސާބިތު ކުރެވިފައި ނުވާތީ، އެ ކަން އެ ގޮތަށް ދިޔަ ކަމަށް ޝަރީއަތަށް ބަަލައިގަނެވެން ނެތް ކަމަށެވެ.

ވިލާއަށް ގެއްލުމުގެ ބަދަލު ދިނުމަށް އެދިފައިވާ ކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ވިލާއަށް ލިބިގެންވާ ކަމަށެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި ވިލާއިން ޝަރީއަތުގައި ދައުލަތުގެ މައްޗަށް ދައުވާ ކުރެވޭވެނެ ކަމަށް ސުއޫދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލާގައި ގެއްލުމުގެ ބަދަލަށް ފައިސަލާއެއް ނުނިންމެވުމަށް ކަނޑައެޅުއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް