ބ. އޭދަފުށީގައި ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެގެން ޓެސްޓުކުރިއިރު ކޯވިޑު-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ރަށުގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެމީހާ އަކީ ބަލިއެނދުގައި އޮތް 85 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ހާރު ކެއުމަށް ފަހު ފަތިހު ޚަބަރެއް ނުވުމުން ކަމަށާއި އޭރު އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
އެޗްޕީއޭއިން ބުނީ އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ދިރިއުޅޭ މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން އެ ގެ ހުރީ ކަރަންޓީނުކޮށްފަ އެވެ.
މިއީ މިއަދު ކޯވިޑް-19 ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ. ރޭ ފަތިހު 4:00 ގައި މަރުވެފައިވަނީ އައިޖިއެމްއެޗު އެމަޖެންސީގައި ފަރުވާ ދެމުންދިޔަ އުމުރުން75 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން އިއްޔެގެ ނިޔަލަށް 35،815 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 26،299 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް