މި އަހަރުގެ ޙައްޖުގެ އަޅުކަން ވެސާ ކުރިޔަށްދާނީ ކޯވިޑް-19ން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކު ކަމަށް ސަޢުދީ ޢަރަބިއްޔާއިން ހާމަކޮށްފިއެވެ.
ސަޢުދީ ޙައްޖާއި ޢުމުރާއާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ސަރުކާރުގެ ފަރާތުން ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އޭގެ ތަފްޞީލު ފަހުގެ ތާރީޚެއްގައި އިޢުލާނުކުރާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.
އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. އެ ޤައުމުން އެގޮތަށް ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށެވެ.
މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ކޮންޕިއުޓަރު މެދުވެރިކޮށް ގުރުއަތު ނަގައިގެންނެވެ. ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންވަނީ މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައެވެ. އަދި މައްކާއަށް އައުމަށްފަހު އެމީހުންވަނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެފައެވެ. އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައިބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ.
ޙައްޖުވެރިން މާސްކު އަޅާތޯއާއި ގައިދުރުކަން ބަހައްޓައިތޯ ޞިއްޙީ ޚިދުމަތްތެރިން ދިޔައީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް