އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަގުތު ބޭއްވުމާއި މެދު ވިސްނާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 173 ވަނަ ޖަލްސާގައި ރައީސް މިހެން ވިދާޅުވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެ ފަރުވާ ހޯއްދަވަމުން ގެންދަވާތީ މިހާރުގެ ހާލަތަށް އިޝާރާތްކުރައްވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތޭރެގެ ވާދަވެރިކަން ވަރަށް ބޮޑުވެގެން ދާ ވަގުތެއް ކަމަށެވެ. އެކަމަކު މި ދަނޑިވަޅަކީ ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް ކަމުން މި އިންތިހާބު މި ވަގުތު ބޭއްވުމާ މެދު ވިސްނާލުން ބުއްދިވެރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި މަހު 29 ގަ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިންތިޚާބު އޮންނާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވާލާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު، އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ 93،354 މީހަކަށް ލިބޭނެ އެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި ޕާކްކޮށްފައިވާ ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް