ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓުން ދޫކޮށްލައިފ އެވެ.
ކޯޓުން ގާސިމް މި ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަން މި މަހުގެ ފަސްވަނަ ދުވަހު އެ ކޯޓުން އިތުރުކުރި ހަތަރު ދުވަސް މިއަދަށް ހަމަވާތީ، އަލުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުންނެވެ. މީގެ ކުރިން ގާސިމް ވަނީ 15 ދުވަހު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނަވާފައި އެވެ.
މިއަދު ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ ޝަރުތުތަކަކާއި އެކު އެވެ. އެ ޝަރުތުތައް ކުރީ 60 ދުވަހުގެ މުއްދަތަކަށެވެ.
ގާސިމަށް ކުރި ޝަރުތުތަކަކީ:
ތަހުގީގަށް އެއްބާރުލުން ދިނުން
ފުލުހުންގެ ހުއްދަ ނެތި ރަށުން ބޭރަށް ނުދިއުން
ފިތުނަ އުފެދޭ ވާހަކަ ދައްކާ މީހުންނާއި އެކު ބައްދަލުވުންތައް ނުބޭއްވުން
ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެއް ނުކުރުން
ފިތުނަ އުފޭދޭ ގޮތަށް ގާސިމް ވާހަކަ ނުދެއްކުން، އެފަދަ ވާހަކަ ދައްކަން ގާސިމްގެ ގޯތި ބޭނުން ނުކުރުން އަދި އެފަދަ ވަހަކަ ދެއްކުމަށް ގާސިމްގެ ތަންތަން ނުދިނުން
މީގެ އިތުރުން ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން ހިމެނެ އެވެ.
ގާސީމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ޖީޕީ ހުސައިން ޝަމީމް ވިދާޅުވީ އެއީ ތާކުންތާކުން ނުޖެހޭ ޝަރުތުތަކެއް ކަމަށެވެ. އަދި އެ ޝަރުތުތައް ކުރި މައްސަލަ މާދަމާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ފުލުހުން ގާސިމްގެ މައްޗަށް ކުރަނީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދަށް ޖެހި 15 ދުވަހުގެ އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމުރަށް ތާއީދުކޮށްފައި އެވެ.
މީގެ ކުރިން ފުލުހުން ގާސިމް ހައްޔަރު ކުރި މައްސަލައިގަ ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ދޫކޮށްލަން އަމުރުކޮށްފައި އެވެ. އެފަހަރު އަމުރުގައި ބުނެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް އެދެންޖެހޭނީ ޕީޖީ ކަމަށެވެ.
އެހެންވެ ފަހުން ފުލުހުން ގާސިމް ހައްޔަރު ކުރީ ޕީޖީ ކްރިމިނަލް ކޯޓުގައި ގާސިމް ހައްޔަރު ކުރުމަށް އަމުރު ނެރެދިނުމަށް އެދުމުން އެ ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް