ދައުރުގެ މެދުން އަންނަ އިލެކްޝަނަކީ އެއްވެސް ގައުމެއްގަ ސަރުކާރަކަށް ފަހި އިލެކްޝަނެއް ނޫން: ޝައިނީ

ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލީޝަން ބޮޑު ތަފާތަކުން ބަލިވެފައިވާއިރު ދައުރެއްގެ މެދުން އަންނަ އިލެކްޝަނަކީ އެއްވެސް ގައުމެއްގަ އެއިރެއްގަ އޮންނަ ސަރުކާރަކަށް ފަހި އިލެކްޝަނ...

10 May 2017 | 08:21

ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލީޝަން ބޮޑު ތަފާތަކުން ބަލިވެފައިވާއިރު ދައުރެއްގެ މެދުން އަންނަ އިލެކްޝަނަކީ އެއްވެސް ގައުމެއްގަ އެއިރެއްގަ އޮންނަ ސަރުކާރަކަށް ފަހި އިލެކްޝަނެއް ނޫން ކަމުގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ރަނގަޅަށް ދިރާސާކޮށް ބަލައިފިއްޔާމުން ސަރުކާރަށް ނާކާމިޔާބީއޭ ބުނާވަރު ކަމަކާ ދިމާވެފައި ނުވާ ކަމަށެވެ. މިއީ ސަރުކާރުގެ ދައުރުގެ މެދުތެރެއިން އައި އިލެކްޝަނެއް ކަމުގައިވާއިރު މިޑް ޓާމް އިލެކްޝަންސް އަކީ އޭރަކު އޮންނަ ސަރުކާރަކަށް އެހާ ފަހިކޮށް އެއްވެސް ގައުމެއްގަ ދާ އިލެކްޝަނެއް ނޫން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުގަ އޮންނަ ސަރުކާރަކަށް އެހާ ފަހިކޮށް ދާ އިލެކްޝަނެއް ނޫން މިޑް ޓާމް އިލެކްޝަނަކީ" ޝައިނީ ވިދާޅުވި އެވެ.

އެކަމަށް ބާރުދީ ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ސަރުކާރެއްގަ ތިބޭ ބަޔަކު ނަގަންޖެހޭ ޑިސިޝަންސް ތަކަކީ އެހާ ޕޮޕިއުލާ ޑިސިޝަންސް ތަކަކަށް ނުވެދާނެ ކަމަށާއި އެކަމަކު އެގައުމެއްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ގައުމެއް އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި އެގައުމެއްގަ އޮތް އިޖްތިމާއީ ބިންގާ ވަރުގަދަ ކުރުމަށްޓަކައި ނަގާ ބައެއް ޑިސިޝަންސް ތަކަކީ އެހާ ޕޮޕިއުލާ ޑިސިޝަންސް ތަކަކަށް ނުވާ ކަމަށެވެ.

ޝައިނީ އިތުރަށް ވިދާޅުވީ މިގޮތަށް މިޑް ޓާމް އިލެކްޝަންސް އެއްގަ ވޯޓު މަދުވުން އެއީ ސަރުކާރު ފެއިލް ވުމެއް ނޫން ކަމަށާއި ސަރުކާރަށް ލިބޭ ޑިފީޓެއް ކަމަކަށް އެމަނިކުފާނަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް