އަގު ބޮޑުކޮށް ފެން ނުވިއްކަން އަންގައިފި

ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން (މިނަރަލް ވޯޓާ) އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ. ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން މާލޭގައި ކޮންޓްރޯލްކޮށްގެން ވިއްކާތާ މިހާރު ...

10 May 2017 | 06:14

ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން (މިނަރަލް ވޯޓާ) އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.

ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން މާލޭގައި ކޮންޓްރޯލްކޮށްގެން ވިއްކާތާ މިހާރު ތިން  ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ފިހާރަތަކުން ބުނަމުން ދަނީ ކުންފުނިތަކުން ފެން ނުލިބެނީ ކަމަށެވެ.

އަދި މިހާރު މާލޭގައި ފެނުނުގެ ޑިމާންޑު ބޮޑުވުމާއި ގުޅިގެން ބައެއ ފިހާރަތަކުން ފެން ވިއްކަނީ ވަރަށް އަގު ބޮޑު ކޮށެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަކީ އާންމުކޮށް މީހުން ބޭނުން ކުރާ ފެނެއް ކަމަށެވެ. އަދި އެ މިނިސްޓްރީއަށް އެ ފެން އަގު ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އަގު ބޮޑުކޮށް ނުވިއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ފުޅީގައި ބަންދުކުރި ފެން އަގުބޮޑުކޮށް ނުވިއްކުމަށް މިފަދަ ފަރާތްތަކަށް މިމިނިސްޓްރީ އިން އިލްތިމާސްކުރަން،" ބަޔާނުގައިވެ އެވެ.

އާދަޔާ ހިލާފަށް ހޫނު ދުވަސް ވަރެއްގައި ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން ނުލިބޭތީ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ލައިފް ފެން އުފައްދާ ކުންފުނިން ބުނެފައިވަނީ އެ ކުންފުނީގެ މެޝިނެއް ހަލާކުވެގެން ފެން އުފެއްދުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އެހެންވެ ތާޒާ ފެން އުފައްދާ އެމްޑަބްލިއުއެސްސީން ވަނީ ފެން އުފައްދާ މިންވަރު އިތުރު ކުރުމުގެ ގޮތުން 24 ގަޑިއިރު ފެން އުފައްދަން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް