ފަސް ރުފިޔާގެ އާ ނޫޓު ތައާރަފު ކޮށްފި، ނޫޓުން ފެންނަނީ ދަގަނޑޭ!

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފުކޮށްފި އެވެ. އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ނޫޓު ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓަރ...

10 May 2017 | 05:38

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފުކޮށްފި އެވެ.

އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ނޫޓު ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝީހާމް އެވެ. ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ އާ ނޫޓުން ފެންނަނީ މުއާސަލާތު ކުރުމާއި އިޖްތިމާއީ ގުޅުން ދައްކުވައިދޭ މަންޒަރުތަކެ ކެވެ.

އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ނޫޓުގެ އެއް ފަރާތުން ފެންނަ މަޝްހޫރު ފުޓު ބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބޯޅައެއްގައި ޖަގާ މަންޒަރެވެ. އެ ފޮޓޯގައި ދަގަނޑޭ މޫނު ނެތް ކަމުގަ ވިޔަސް އެއީ ދަގަނޑޭކަން އެނގެ އެވެ. ދެން ފެންނަނީ ސަގާފީ ނެށުމެއް ހުށަހަޅައިދޭން ތިބޭ ބައެކެވެ. ނޫޓުގެ އަނެއް ފުށުގައި އިންނަނީ ސަންގެކެވެ.

އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން އަންނަ ޖުލައި މަހުގެ ކުރީކޮޅު ސާކިއުލޭޝަނަށް ނެރެން ނިންމާފައިވާ ކަމަށެވެ. މި ނޫޓުގައި ތާރީހެއްގެ ގޮތުގައި ޖަހާފައިވަނީ މިއަދުގެ ތާރީހެވެ.

އަލަށް ތައާރަފު ކުރި ފަސް ރުފިޔާގެ ނޫޓުގައިވެސް ރަންދިހަ ފަހެއް ނޫޓުތަކުގައި ހިމެނޭ ސެކިއުރިޓީ ފީޗަސްތައް ހިމެނޭނެ އެވެ. އަދި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

ފަސް ރުފިޔާގެ އާ ނޫޓެއް ތައާރަފު ކުރުމުގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރެން މީގެ ކުރިން އެމްއެމްއޭއިން ނިންމި ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ފަހުން އެ ބަދަލު ނުގެންނަން އެމްއެމްއޭ އިން ނިންމިއެވެ. އެކަމަކު ކުރިންވެސް ނިންމާފައިވާ ގޮތަށް މިހާރު ބޭނުން ކުރަމުންދާ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އެއަށް ވުރެ ލުއި ދެ ރުފިޔާގެ ފައިސާ ފޮތި ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް