"ރޯދަމަސް" މި ލަފްޒު ބުނެލުމާއެކު އެކި މީހުންނަށް މި ލަފްޒު ފާހަގަ ކުރެވިގެން ދަނީ އެކި ގޮތްގޮތަށެވެ. އެ ގޮތުން އެއީ އެންމެ މާތް މައްސަރު ކަމުގައި ބައެއްމީހުން ދެކޭ ގޮތުގައި އަނެއްބައި މީހުން ދެކޭ ގޮތުގައި ރޯދަ މަހަކީ އެންމެ އިސްރާފު ކުރުން ބޮޑު މަހެވެ.
ރޯދަ މަހަކީ ތެދުވެރި މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި އެއް މަހެވެ. އެފަދަ މުސްލިމުން ތިބޭނީ ރޯދަމަހަށް ކެތްމަދު ވެފަ އެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ.
ވިސްނާލާށެވެ.! މިދިޔަ ރޯދަމަހު ރޯދަ ނުހިފައި އެމީހެއް ހިތުހުރި ގޮތަކަށް އުޅެފައި، މި އަންނަ ރޯދަމަހާ ކުރިމަތި ނުލައި އަހަރެމެންގެ ތެރެއިން މަރުވެ ދިޔައީ ކިތަށް މީހުން ހެއްޔެވެ.؟ އާނއެކެވެ. އަހަރެމެންނަށްވެސް މި އަންނަ ރޯދަމަހާ ކުރިމަތި ލެވޭނޭ ކަމުގެ އުންމީދެއް ނެތެވެ. މިއަދުވެސް މަރުވެދާނެއެވެ. އެހެންކަމުން އަހަރެމެންނަށް ލިބބިދޭމިފަދަ މާތް އަނގުހުރި ފުރުސަތްތަކުގެ ބޭނުން ނުހިފައި ގެއްލުވާލާކަށް ހެޔޮ ނުވާނެއެވެ.. ރަމަޟާން މަހުގެ ރޯދަޔަކީ ބާލިޢު ވެފައިވާ ކޮންމެ މީހެއްގެ މައްޗަށްމެ ފަރުޟު ކުރައްވާފައިވާ ކަމަކަށްވާއިރު ރޯދަމަހުގެ ރޯދަޔށް ފަރުވާތެރި ވާށެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނަނައީ: “ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ.” އިމާމް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ.
ރޯދައަކީ ސިއްރު އަޅުކަމެކެވެ. އަޅާއާއި އޭނާގެ ވެރިރަސްކަލާނގެ އާއި ދެމެދުގައިވާ ސިއްރެކެވެ. ހިތުގެ އަޅުކަމެކެވެ. އެހެނީ ރޯދަވެރިޔާއަށް ސިއްރުގައި ކައިބޮއި ހެދުމަކީ ކުރެވިދާނޭ ކަމެކެވެ. އެކަމަކު މާތް ﷲ އެންގެވީތީ ރޯދައަށް ހުރުމާއި، އެކަލާނގެއީ ސިއްރާއި ފާޅުގައިވާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަން ޤަބޫލުކުރުން އެއީ ރޯދައިގެ އަޅުކަމުގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ރޯދައަށް ހުރުމަކީ ތިމާގެ އީމާންކަން ވަރުގަދަކޮށްދޭ ކަމެކެވެ.
އަދި އަލްއިމާމް ޙަސަން ބަޞަރީގެ އަރުހުން މީހަކު ސުވާލު ދެންނެވިއެވެ. ކަލޭގެފާނު ތިޔަފަދަ ތަޤުވާވެރި ޙަޔާތެއް ހޭދަކުރެއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ! ވިދާޅުވިއެވެ. ހަތަރު ކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ކަމަކީ މާތް ﷲ ކޮންމެ ދިރޭ އެއްޗަކަށް އޭގެ ރޯދި ކަނޑައަޅުއްވާފައިވުމާ އެ ރޯދިން ޒައްރެއްގެ މިންވަރު ވިޔަސް އެހެންމީހަކަށް ނުގެންދެވޭނެ ކަމުގެ ޔަޤީންކަން ލިބިގެން ވުމާއެކު ލިބޭ ހިތްހަމަޖެހުމެވެ. ދެވަނަ ކަމަކީ އެމީހަކު ކުރަންޖެހިފައިވާ އެއްވެސް ކަމެއް އެހެން މީހަކަށް ކޮށްނުދެވޭނެތީ އެކަންކަން ކުރުމުގައި ވަގުތު ހޭދަކުރަމުން ގެންދާކަމެވެ. ތިންވަނަކަމަކީ، ކޮންމެތަނެއްގައި ހުރިނަމަވެސް މާތްﷲ ގެ ބައްލަވާ ވޮޑިގަތުމުން ބޭރުވެގެން ނުދެވޭކަމުގެ ޔަގީންކަން ލިބިގެންވާތީ ފާފައަކަށް އަރާގަތުމަށް ޖެހިލުންވުމެވެ. ހަތަރުވަނަކަމަކީ، ދިރުންހުރި ކޮންމެ އެއްޗަކާ މަރު އައިސް ބައްދަލުކުރާނެކަން ހަދާނުން ކެހިގެން ނުދާތީ އަދި މަރު އެއްވެސް މީހަކަށް އިންތިޒާރު ނުކުރާނެތީ އެކަމަށް އަބަދުވެސް ތައްޔާރުވެގެން ހުރުމެވެ. އަހަރެން ތަޤުވާވެރި ވުމުގެ ސިއްރަކީ މިއީއެވެ. ޝައްކެއްނެތެވެ! ރަމަޟާން މަހަކީ ތަޤުވާގެ މައްސަރަށް ވީހިނދު އެމަހުގެ ރޫހާނީ ތަރުބިއްޔަތުން ފައިދާ ލިބިގަތުމަށް އަވަސްވެ ގަތުން ވަރަށްވެސް މުހިއްމެވެ. ރޯދައިގެ މާތް އަޅުކަމުގެ ތެރެއިން ތަޤުވާވެރިކަން ލިބިގަނެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ! ރޯދަހިފުމުގެ ސަބަބުން ލިބިގަތުން ގަސްދުވެގެންވާ އަމާޒަކީ ތަޤުވާވެރިކަމެވެ. އެހެންކަމަށް ވުމާއެކު ރޯދަހިފުމުގެ ތެރެއިން ތަޤުވާވެރިކަން ޙާސިލްނުވެވޭނަމަ ، ރޯދައިގެ އަމާޒަށް ވާސިލްނުވެވުނީއެވެ.
ރޯދައަކީ އޭގެ ސަބަބުން ސިއްޙީގޮތުންނާއި ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުން އިންސާނާއަށް ވަރަށް ބޮދުފައިދާތަކެއް ލިބޭކަމީ ވަރަށް ބޮޑު ޙަޤީޤީގަތެކެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގައި ހިނގާ ޖިންސީ ޣަރީޒާތައް ކޮންޓްރޯލްކުރާ ވަސީލަތަކަށް ރޯދަ ހިމެނިގެންވާ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އަދި ތަފާތު ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދޭ އައްޑަނައެއް ކަމުގައި މި މަތިވެރި އަޅުކަން ވެއެވެ. ރޯދަ ހިފުމުން ހަށިގަނޑުގަ ހުންނަ ފެޓްގެ ބައިތައް ބޭނުންކުރެވޭތީ، އެފެޓްގަ ޖަމާވެފަ ހުންނަ ބައެއްކަހަލަ ވިހަ މާއްދާތައް، ހަށިގަނޑުގެ އެކި ހިސާބުތަކަށް ދައުރުކޮށް ނެތިދެއެވެ. ދުވާލު ހަތަރުދަމުހެން މަސައްކަތްކުރާ މައިދާއަށާއި ކާތަކެތި ހަޖަމުކުރާ ނިޒާމަށް އެންމެ ބޮޑު އަރާމެއް ލިބެނީވެސް ރޯދައިގެ ސަބަބުންނެވެ.
އެކުވެރީންނޭވެ.! މާތް ﷲ އަޅަމެނަށްޓަކައިވާ ނިޢުމަތެއްގަ ކަމުގައި ރަމަޟާން މަސް ލައްވާފައިވާއިރު އެމަތިވެރި މައްސަރުގެ ދަރުމައާ ޘަވާބު ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. އެހެނީ ދުނިޔަވީ ދިރިއުޅުން އާރާސްތުކުރުމަށްވުރެ އާޚިރަތުގެ ގޮވައްޗައްޓަކައި މަސައްކަތްކުރުމީ ވަރަށް މުހިއްކަމެކެވެ.
އެހެނީ މީހަކު މަރުވެގެންދާއިރު އޭނައާއކުގައި އޭނައެއްކުރި ގެދޮރާއި މުދާނުގެންދެވެއެވެ. ރަމަޟާންމަސް އަލަމެނާބައްދަލުކުރާއިރު ކުރެވިފަވާ އެންމެހާ ފާފަތަކުން ތައުބާވެ އެމަހުގެ ގިނަގުނަ ޘަވާބު ހޯދުމުގެ ޢަޒުމުގައި ކުރިއަށް ދަމާހިނގާށެވެ! އެމައްސަރުގެ އަޅުކަން އަދާކޮށްފިމީހަކަށް ހުރި ދަރުމައާ ޘަވާބު މާތް ސާހިބާގެ މަތިވެރި ބަސްފުޅުތަކުންވެސް އެނގިގެންދެއެވެ. އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހުގައި އަޅުކަން އަދާކުރުން ގިނަކުރަންޖެހެއެވެ. އަޅުގަނޑުގެ ދުޢާއަކީ މި ލިޔުން ކިޔުއްވާ ކޮންމެ ބޭފުޅަކަށްވެސް ރަމަޟާންމަހުގެ ދަރުމަ އާ ޘަވާބަށްއެދި މަސައްކަތް ކުރުމުގެ ރޫހު އެހިތްތަކުގައި އާލާވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް