ޝައިނީ ނެރުއްވި ފޯމިއުލާގައި ފައިނަލްގައި ކުޅުއްވާނީ ރައީސް ޔާމީން އެކަނި !

އިއްޔެ އެންމެ ހޫނު ބަހުސަކަށް ވެގެން ގޮސްފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ޓްވިޓާގައި ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓްގައި ޕީޖީ ލީޑަރު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އި...

10 May 2017 | 02:55

އިއްޔެ އެންމެ ހޫނު ބަހުސަކަށް ވެގެން ގޮސްފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ޓްވިޓާގައި ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓްގައި ޕީޖީ ލީޑަރު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލެއް ކަމަށެވެ. އަދި މޮޅުވާނީ ފައިނަލްގައި ކުޅެގެން ކަމަށެވެ.

ނިހާންގެ މި ޓްވީޓާއި ގުޅިގެން ގިނަ ރައްދުތަކެއް އެމަނިކުފާނަށް ލިބިގެން ދިޔަ އެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު އުފެއްދި ސުވާލަކީ ސެމީ ފައިނަލުން ބަލިވާ ޓީމެއް ފައިނަލު ކުޅޭނެ ގޮތަކީ ކޮބައިކަން ބުނެދިނުމަށް އުފެއްދި ސުވާލެވެ. އެކަމަށް އޮތް ފޯމިއުލާއަކީ ކޮބައިތީ އެތައް ބަޔަކު ދިޔައީ ސުވާލު ކުރަމުންނެވެ.

މި ސުވާލަށް ސަރުކާރުގެ ފަރާތުން ޖަވާބު ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ޓީވީއެމްގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ޕްރޮގްރާމްގެ ޕްރެޒެންޓަރު އާދަމް ނަޒީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވަނީ، ސެމީ ފައިނަލުން ބަލިވެގެންވެސް ފައިނަލަށް ދެވިދާނެ ފޯމިއުލާއެއް ދިވެހި ރައްޔިތުންނަށް ވަރަށް ތަފްސީލާއެކު އޮޅުން ފިލުއްވައިދެއްވާފަ އެވެ.

ޝައިނީ ވިދާޅުވީ ނިހާނަކީ ވަރަށް ތޫނުފިލި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އެ ވިދާޅުވި އެއްޗެއް އެމްޑީޕީ ކުދިންނަށް ނޭނގުނީ ކަމަށވެ. ސެމީ ފައިނަލް މެޗެއްގަ ބަލިވާ ފަހުންވެސް ފައިނަލަށް ދެވޭނެ ގޮތެއް އޮންނަ ކަމަށާއި އެ ގޮތަކީ މޮޅުވި ޓީމް ޑިސްކޮލިފައި ވުން ކަމުގައި ޝައިނީ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ ހަމަތަކަށް ބަލާއިރުގަ ނަޝީދަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް. އެބޭފުޅާއަކަށް ފައިނަލް މެޗަކަށް އަރާވަޑައެއް ނުގެންނެވޭނެ. ލޯކަލް ކައުންސިލުން އިދިކޮޅު ފަރާތްތައް ކުރީގަ އުޅުއްވި ނަމަވެސް އެ ބޭފުޅުންނަކީ ޑިސްކޮލިފައިވެފަ ތިބި ބައެއް. ރައީސް މައުމޫނަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް، ގާސިމަކީ ޑިސްކޮލިފައި ވެފަ ހުރި ބޭފުޅެއް. އެހެންވީމަ ވަރަށް ރީއްޗަށް އަޅުގަނޑުމެންނަށް އަދި ފައިނަލް ކުޅުމުގެ ފުރުސަތު އެބަ އޮތް. މިހާރުވެސް ޑިސްކޮލިފައިވެފަ ތިބި ބައެއް އެއީ" ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވި އެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކަފުޅުން ދޭހަވާ ގޮތުގައި ފައިނަލްގައި ކުޅުއްވާނީ ރައީސް ޔާމީން ގިނިކަންޏާ ކަމުގައި ބެލެވެ އެވެ. އިދިކޮޅު ފަރާތްތަކަކީ މިހާރުވެސް ޑިސްކޮލިފައި ވެފައިވާ ބައެއްކަމުގައި ޝައިނީގެ ފޯމިއުލާގައި ވިދާޅުވެފައިވުމުންނެވެ. ޝައިނީގެ ވާހަކަފުޅުތަކަށް ބަލާލާއިރު ދެން ނެރެން ޖެހޭނެ ފޯމިއުލާއަކީ އެއް ޓީމް ފައިނަލް ކުޅޭނެ ގޮތެއްގެ ފޯމިއުލާކަމުގައި ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް