ހ. ލަންޗްމީޑްގޭގެ 5 ފަންގިފިލާގައި ހުންނަ ޔޫމެޓް ޕްރައިވެޓް ލިމިޓެޑާއި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން 2013 އޯގަސްޓް 02 ވަނަ ދުވަހު ލައްކައެއްހާ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގުމަށްފަހު އެތަނުގައި ރޯކޮށްލި މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ޙުކުމް ކޮށްފައިވަނީ ސ. ފޭދޫ، ނަލަރީތިގެ، މުޙައްމަދު އައިމަންގެ މައްޗަށެވެ.
ދަޢުލަތުން މި މައްސަލައާ ގުޅިގެން މުޙައްމަދު އައިމަންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެވެ.
މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އެ އޮފީސްތެރެއަށް މުޙައްމަދު އައިމަންއާއި އިތުރު މީހަކު ވަދެ، އެތަނުން ވައްކަން ކުރުމަށްފަހު، އެތަނުގައި ރޯކޮށްލާފައިވާކަން، ހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށާއި ދަޢުލަތުން ހުށަހެޅި ހެކި ތަކާއި، ގުޅިފައިވާ ޤަރީނާތަކުން ޝަރީޢަތަށް ސާބިތު ވާކަމަށެވެ.
އެހެންކަމުން، މުޙައްމަދު އައިމަން ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަަމަށް ކަނޑައަޅައި، މިއީ އޭނާގެ މައްޗަށް މި ބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު އައިމަން ޖަލަށް ލުމަށް ހުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤާޟިއްޔާގައި ވެއެވެ.
ހަމަ މި މައްސަލާގައި ދަޢުލަތުން މުޙައްމަދު އައިމަންގެ މައްޗަށް އުފުލި ވައްކަމުގެ ދަޢުވާ ސާބިތުވުމާގުޅިގެން މި އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު މުޙައްމަދު އައިމަން 6 އަހަރާއި 3 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މުޙައްމަދު އައިމަންއާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެއޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ވިއްކުމަށް މަސައްކަތްކުރަމުން ދަނިކޮށް މާލޭގެ 01 ނަންބަރު ކުނިކޮށި ސަރަޙައްދުގައި ހުންނަ ނީލަން ފިހާރަ ކައިރިން ހާދިސާ ހިނގިދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ގެންގުޅުނު ދަބަސްތަކާއި ފޮށިގަނޑުތައް ބަލައި ފާސްކުރިކުރުމުން ޔޫމެޓް ކޮންސްޓްރަކްޝަންސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕާއި ކަރަންޓް ނަރުރޯލްތަކަކާއި، އަދިވެސް އިތުރު އިލެކްޓްރޯނިކްސް ސާމާނުތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ އޮފީހުން ވަގަށް ނެގި ތަކެއްޗާއި އަދި އެތަނުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް